ޚަބަރު

އާބިޓްރޭޝަން ސެންޓަރުގެ ނިންމުތައް 165 ޤައުމެއްގައި ތަންފީޒުކުރާނެ: ޝަހުދީ


މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު މެދުވެރިކޮށް އާބިޓްރޭޓްކުރެވޭ މައްސަލަތައް ދުނިޔޭގެ 165 ޤައުމެއްގައި ސީދާ ތަންފީޒުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

2013 އަހަރު ފާސްކޮށްފައިވާ އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް މިދިޔަ 2019 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައިވަނީ ފަށާފައެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ފެށުމަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ޗެއާމަން މުޙައްމަދު ޝަހުދީ އަންވަރު ވިދާޅުވީ، އެސެންޓަރު މެދުވެރިކޮށް ނިންމޭ އާބިޓްރޭޝަންގެ މައްސަލަތައް ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ސީދާގޮތުން ތަންފީކުރޭވެގޮތަށް މަގުފަހިކުރުމުގެ ގޮތުން ކަމާގުޅޭ މުއާހަދާގައި މިދިޔަ އަހަރު ރާއްޖެއިން ބައިވެރިވެފައިވާކަމަށެވެ. މިއާއެކު ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރު މެދުވެރިކޮށް ނިންމޭ މައްސަލަތަކަށްވެސް ކޮންވެންޝަން އޮންދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް ނުވަތަ ނިއުޔޯކް ކޮންވެންޝަންގެ ބާރުލިބިދީފައިވާކަމަށް ޝަހުދީ ވިދާޅުވިއެވެ.

"އެހެން ޤައުމަކުން ނިންމާ އާބިޓްރޭޝަނާއި ގުޅޭމައްސަލައެއް ދިވެހިރާއްޖޭގައި ތަންފީޒުކުރެވޭ އުޞޫލުން ހަމަ އެ ބީދައިން އަޅުގަނޑުމެންގެ ސެންޓަރު މެދުވެރިކޮށް އެޑްމިނިސްޓަރ ކުރެވިގެން ހިނގާ އާބިޓްރޭޝަންތަކުން ނިންމޭ މައްސަލަތައްވެސް އެހެން ޤައުމުތަކަށްގޮސް ހަމަ އެޤައުމެއްގެ އާބިޓްރޭޝަން އެވޯޑަކާއި ނުވަތަ އެ ޤައުމެއްގެ ކޯޓުގެ ޙުކުމެކޭ އެއްފަދައިން އެ ޤައުމެއްގައި ޑައިރެކްޓްލީ ތަންފީޒުކުރެވޭނެ" ޝަހުދީ އަންވަރު ވިދާޅުވިއެވެ.

ޝަހުދީ ވިދާޅުވީ ދޭދޭ ފަރާތެއްގެ މެދުގައި ވިޔަފާރީގެ ކަންކަމުގައި އަގުދުކުރެވޭ އެއްބަސްވުންތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ މައްސަލަ ހައްލުކުރާނީ އާބިޓްރޭޝަނުންކަމަށެވެ، އަދި އެމައްސަލަތައް އާބިޓްރޭޓްކުރެވި އެކަމުގައި ގޮތެއް ކަނޑައެޅުމުގެ ހުރިހާ އިންތިޒާމެއް މިހާރު ހަމަޖެހިފައިވާކަމަށް އާބިޓްރޭޝަން ޝަހުދީ ވިދާޅުވިއެވެ. މީގެ އިތުރުން އެ ސެންޓަރު މެދުވެރިކޮށް ނިންމާ ނިންމުންތަކާއި ސެންޓަރުގައި ހިމެނޭ އާބިޓްރޭޓަރުންނަކީ ފެންވަރު ރަނގަޅު ބަޔަކަށް ހެދުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް މިހާރު އެކުލަވާލާފައިވާކަން ޝަހުދީ އަންވަރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އާބިޓްރޭޝަންއަށްދާނަމަ ފެންވަރު ރަނގަޅު އާބިޓްރޭޓަރުންނާއެކު ރާއްޖެއިން ބޭރުގައި ހޭދަވާ މިންވަރަށްވުރެ، އަގުހެޔޮކޮށް އެކަން ކުރެވޭނެކަމަށް ޝަހުދީ ވިދާޅުވިއެވެ.

"ދުނިޔޭގައި މި ދާއިރާގައި އެންމެ ތަޖުރިބާކާރު ނަން މަޝްހޫރު އާބިޓްރޭޓަރުން އަލުގަނޑުމެންގެ ޕެނަލުގައިވެސް ހިމެނޭ. އެފަރާތްތަކަކީ ސިންގަޕޫރު އިންޓަރނޭޝަނަލް އާބިޓްރޭޝަންގައިވެސް އަދި އެހެން ސެންޓަރުތަކުގެ ޕެނަލްތަކުގަައިވެސް ތިއްބަވާ ބޭފުޅުން. އެހެންވީމަ މައްސަލަ ހައްލުކުރަން އާބިޓްރޭޓަރު މެދުވެރިވެގެން ލިބޭ ފުރުސަތުގެ ކޮލިޓީއަކަށް އެއްވެސް ތަފާތެއް ނާންނާނެ" ޝަހުދީ އަންވަރު ވިދާޅުވިއެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޕެނަލްގައި މިހާރު ބޭރުގެ އާބިޓްރޭޓަރުން ތިބިނަމަވެސް، އެސެންޓަރުން އެންމެ އިސްކަމެއްދީގެން އަންނަ އަހަރު ކުރިއަށްގެންދާނީ ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ތިބި އެކިދާއިރާތަކުގެ ތަޖުރިބާކާރުން އާބިޓްރޭޝަންގެ މެކޭނިޒަމަށް ހޭލުންތެރިކޮށް ތަޖުރިބާކާރު އާބިޓްރޭޓަރުން އުފެއްދުމަށްކަމަށް ޝަހުދީ އަންވަރު ވިދާޅުވިއެވެ.