ޚަބަރު

ހަތަރު އަތޮޅެއްގެ ޖުޑީޝަލް ދާއިރާއަށް އިސްމެޖިސްޓްރޭޓުން ޢައްޔަންކުރަން ނިންމަވައިފި


ހަތަރު ޖުޑީޝަލް ދާއިރާއަށް އިސްމެޖިސްޓްރޭޓުން އައްޔަންކުރަން ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމަވައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ ހދ، އދ، ގއ އަދި ގދ ޖުޑީޝަލް ދާއިރާއަށް އިސްމެޖިސްޓްރޭޓުން ޢައްޔަންކުރަން ނިންމާފައިވަނީ އެދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނާއި ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ބޭފުޅެއް ހޮވުމަށްޓަކައި އިންޓަވިއު ކުރުމަށްފަހުކަމަށެވެ.

4 ޖުޑީޝަލް ދާއިރާއަށް ދާއިރާ އިސްމެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކޮށްފައިވަނީ:

- ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ހދ.ކުޅުދުއްފުށި، އަލީޝާ، އަލްއުސްތާޛް ޢަލީ އާދަމް
- އދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ކ.މާލެ، މއ.ވެލަބުލީގެ، އަލްއުސްތާޛް އިބްރާޙީމް މަޢުމޫރު
- ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ސ.މަރަދޫ، އެކެވެލި، އަލްއުސްތާޛް އިބްރާޙީމް އިޙްސާން
- ގދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް، ގދ.ތިނަދޫ، މުނިޔާގެ، އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙަސަން

މިބޭފުޅުންގެ ތެރެއިން ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރަން ޖޭއެސްސީން ނިންމެވި އަލްއުސްތާޛް ޢަލީ އާދަމް ވަނީ ވިލާ ކޮލެޖުން ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާފައެވެ. އަދި އޭނާއަކީ ފަނޑިޔާރުކަމުގައި 15 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެއްކަމަށް ޖޭއެސްސީން މައުލޫމާތުދެއްވިއެވެ.

އދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރުމަށް ނިންމި، އަލްއުސްތާޛް އިބްރާޙީމް މަޢުމޫރު ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވައި، ފަނޑިޔާރުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ. މީގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރަން ނިންމި، އަލްއުސްތާޛް އިބްރާޙީމް އިޙްސާން އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ(އޮނާރސް) ހާޞިލްކުރައްވައި، ފަނޑިޔާރުކަމުގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.

އަދި ގދ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަނުކުރަން ނިންމި އަލްއުސްތާޛް މުޙައްމަދު ޒާހިރު ޙަސަން އަކީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސުޓަޑީސްޒުން ޑިޕްލޮމާ އިން ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވައި ފަނޑިޔާރުކަމުގައި 21 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މެޖިސްޓްރޭޓެކެވެ.