ޚަބަރު

ޑިފެންސް މިނިސްޓަރ މަގާމުން ވަކިކުރައްވައިފި


ރައީސުލް ޖުމުހޫރިއްޔާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަމުގެ މަގާމުގައި ހުންނެވި މޭޖަރ ޖެނަރަލް ރިޓާޔަޑް މޫސާ އަލީ ޖަލީލު އެމަގާމުން ވަކިކުރައްވައިފިއެވެ.ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން މުއާޒް ވިދާޅުވީ ޑިފެންސް މިނިސްޓަރ މަގާމުން ވަކިކުރައްވާފައިވަނީ މިރޭގެ ވަގުތެއްގައިކަމަށެވެ. އެހެންނަމަވެސް ވަކިކުރެއްވި ސަބައެއް ވިދާޅެއްނުވެއެވެ.ޑިފެންސް މިނިސްޓަރ މަގާމުން ވަކިކުރައްވާފައި މިވަނީ ރައީސުލް ޖުމުހޫރިއްޔާ ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއްގޮވި ހާދިސާގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައެވެ.މުސާ އަލީ ޖަލީލު ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އައްޔަން ކުރެއްވީ، ރައީސް ޔާމީންގެ ކެބިނެޓަށް އެންމެ ފުރަތަމަ އައްޔަންކުރެއްވި ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް އިއްވުމާއި ގުޅިގެން އެމަޤާމު ހުސްވުމުންނެވެ.