ޚަބަރު

ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރުތަކުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަމަށް ބުރޫއަރާ: މިނިސްޓަރ އިމްރާން


އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދުފަހަނައަޅާދިއުމުގެ އަމަލުތަކުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަމަށް އަސަރުކުރާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްްޓްރީއާއި، ޕީއެސްއެމް ގުޅިގެން އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގެނެސްދިން "އެއްބައިވަންތަ ދިވެހީން" ޕްރޮގްރާމްގައި މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސިޔާސީގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ދިވެހިންގެ އެއްބައިވަންތަކަމަށް ކޮންމެވެސް މިންވަރެއްގެ ގޮންޖެހުންތަކެއް ކުރިމަތިކުރުވިނަމަވެސް ހުރިހާ ރައްޔިތުންގެ މަސްލަހަތާއި މުޅި ޤައުމަށް ކުރިމަތިވާ ބޮޑެތި ކަންކަމުގައި ސިޔާސީ ދެބަސްވުންތައް ދޫކޮށްލައި ދިވެހިން އެކަތިގަނޑަކަށްވާކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ފަހަކަށް އައިސް ދިވެހިންގެ އެއްބައިވަންތަކަމަށް އެންމެ ބޮޑު އަސަރެއްކުރާ އެއްކަމަކީ ނުވަސަތޭކައެއްހާ އަހަރުވަންދެން ދިވެހިން އެދީނަކަށް ތަބާވެތިބި މާތްވެގެންވާ އިސްލާމްދީނާއި ދިވެހިންގެ ތެރެއިން މަދުބަޔަކުނަމަވެސް ދުރަށްގޮސް ދީނަށް ބަދުބަސްބުނެ ދީނަށް ފުރައްސާރަކުރުމުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކުވެރިކަމަށް ބުރޫތަކެއް އަރާކަމަށެވެ. ހަމައެއާއެކު މުސްލިމުން ކާފަރުކޮށް ބައެއްމީހުންގެ މައްޗަށް ދެކޮޅުވެރިކަމާއި އަދާވާތްތެރިކަން ޢިއުލާނުކުރުމުގެ ސަބަބުން ދީނީގޮތުން އުފެދޭ ބައެއްކަހަލަ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ދިވެހިންގެ މުޅި އެއްބައިވަންތަކަމަށް އަސަރުކުރަމުންދާކަމަށެވެ.

"ދީނުގެ މައިގަނޑު ވިސްނުމަކީ އިސްލާމުންގެ ގޮތުގައިތިބޭއިރު، މުސްލިމެއްގެ ހައިސިއްޔަތުން ދެމީހުންގެ ދޭތެރޭގައި އަމަލުކުރުމުގައި ތަފާތުތަކެއް އޮންނާނެ. އެއީ އަޅުގަނޑުމެންނަށް އިސްލާމީ ތާރީޚަށް ބަލާއިރު ފެންނާނެ މުސްލިމުންގެ ތެރޭގައި އެމީހުންގެ ހެޔޮކަމާއި އަޅުކަމުގައި ދަރަޖަ ތަފާތު ބައިވަރު މީހުން ތިބޭނެ. ނުވަތަ ދަރަޖަ ތަފާތުވުންތައްވެސް ހުންނާނެ. އެއާއެކުގައި އަޅުގަނޑުމެންގެ މުޅި މުޖްތަމަޢުގެ އެއްބައިވަންތަކަމާއި މަސްލަހަތާއި އެކުވެރިކަން ދެމެހެއްޓުމަށް ހުރަހަކަށް އެކަން ހަދައިގެން ނުވާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އެންމެ ފަޚުރުވެރި އެއްސިފައަކީ އެއްބައިވަންތަކަމާއި، އެކުވެރިކަމާއި، އޯގާވެރިކަންކަމަށެވެ. އަދި ދިވެހިން އަބަދުވެސް އެސިފަތަކުން ޒީނަތްވެ ތިބެންޖެހޭކަމަށާއި، ދިވެހިންނަށް ލިބޭ އެންމެބޮޑު އުފަލަކީ، ޝަރަފަކީވެސް މުސްލިމުންގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ނަމޫނާދައްކާ ބަޔަކަސްވުންކަމުގައި ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.