ޚަބަރު

ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ - ނާއިބު ރައީސް


މިއަދު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތަކުން ސަލާމަތްވުމަށް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އެކުގައި މަސައްކަތްކުރުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސުނާމީ ކާރިޘާގެ ހަނދާންތައް އައުކުރައްވައި އެކާރިޘާއާ ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ނަމޫނާއަށް ތަޢުރީފު ކުރައްވަމުން ނާއިބުރައީސް ވިދާޅުވީ، ދިވެހިން މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމަށެވެ. އަދި ހެޔޮލަފާ ޖީލެއް ބިނާކުރުމާއި ތަރައްޤީ ޙާސިލުކޮށް އަމާން ޤައުމެއް ކަށަވަރު ކުރެވޭނީވެސް އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެންކަން އެމަނިކުފާު ފާހަގަކުރެއްވިއެވެ.

އެކި ޚިޔާލުތަކާއި ވިސްނުންތަކަށް ފުރުޞަތުދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ޚިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ. ޚިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށްދެވޭ ފުރުޞަތަކަށް ނުހަދައި އިންސާފުވެރިކަމާއި، އޯގާތެރިކަމާއި އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ ރީތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް އެ މަނިކުފާނުވަނީ ގޮވާލައްވާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި، ދިވެހި ހުރިހައި ފަރުދުންވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއްކަމަށާއި އަޚުވަންތަކަށް އިސްކޮށްގެން ނޫނީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކަށް ވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. ތަރައްޤީއަށް ހުރަސްއެޅޭ ފަދަ އަމަލުތަކުން ދުރުހެލިވެ، އެކުގައި މަސައްކަތް ކޮށްގެން، އަންނަންއޮތް ޖީލުތަކަށް ރައްކާތެރި، ފާގަތި ޤައުމެއް ބިނާކޮށްދޭނެ ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.