ޚަބަރު

ސިފައިންނާއި ސިފައިންގެ އާއިލާތަކުންވަނީ މަތިވެރި ޤުރުބާނީއެއް - ޑިފެންސް މިނިސްޓަރ


މިއަހަރުގެ މިވީ ދުވަސްތަކުގައި ދިވެހި އަސްކަރިއްޔާގެ އެކި ފަންތިތަކުގެ އޮފިސަރުން އެމީހުންގެ އާއިލާތަކާއި ދުރުގައި ހޭދަކުރި މުއްދަތުގައި އެއްވެސް އާއިލާއަކުން އެއްވެސް ޝަކުވާއެއް ލިބިފައިނުވާކަން ފާހަގަކޮށް ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ޝުކުރުއަދާކުރައްވައިފިއެވެ.

ސިފައިންގެ އައްޑަނަ މަޖައްލާގެ ހަފްތާ ޢަދަދެއްގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ލިޔުއްވާފައިވާ ލިއުއްވުމެއްގައި
ސިފައިންގެ ޚިދުމަތަކީ މަތިވެރި ޚިދުމަތެއްކަން ފާހަގަކުރެއްވިއެވެ.

އެގޮތުން ސިފައިންގެ އެ މަތިވެރި ޚިދުމަތާއި ގުޅުމަށް އެ މީހުންގެ ދެލޯފަދަ ދަރިން ހަދިޔާކުރި ހިތްވަރުގަދަ މައިންބަފައިންނާއި އާއިލާތަކުން، ޤައުމަށްޓަކައި މިއަދުވެސް ވަމުންދާ އެޤުރުބާނީ ދިވެހި ރައްޔިތުން ބަލައިގަންނަނީ ނުހަނު އުފަލާއި ޝުކުރާ އެކީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ސިފައިން ވަމުންދާ މަތިވެރި ޤުރުބާނީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގަޔާއި އެކަމަނާގެ އަމިއްލަ ނަމުގައި، ސިފައިންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ޑިފެންސް މިނިސްޓަރ ދަންނަވާފައިވެއެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ ނިމިގެންދާ އަހަރަކީ އާއިލާތަކާއި ދުރުގައި ގިނަ ވަގުތުތަކެއް ސިފައިން ހޭދަކުރަން ޖެހުނު އަހަރެއްކަމަށާއި، ލޯބިވާ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާ އެކު، ލޮކްޑައުންގެ ތެރޭގައި ވެސް، ވަގުތު ހޭދަކޮށްލަން މާ ގިނަ ފުރުޞަތުތަކެއް ނުލިބުނުނަމަވެސް އާއިލާތަކުގެ ފަރާތުން އެއްވެސް ޝަކުވާއެއް ލިބިފައެއް އަދި އިވިފައެއް ވެސް ނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށް މިދަނީ ސްކޫލް ޗުއްޓީގެ ދުވަސްތައް ކަމަށް ވުމުން އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު، އޮންނަ އުޞޫލުގެ ތެރެއިން، ސިފައިން ހޯދައި، އޭގެ ފުރިހަމަ ބޭނުން ހިފާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި އެ ފުރުޞަތު ނުލިބޭ ސިފައިން ވެސް، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، އާއިލާގެ ހާލު ބަލާ، ގުޅުން އިތުރަށް ބަދަހިކުރުމަށް ވަގުތު ހުސްކުރުން ރަނގަޅުކަމުގައި މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.