ޚަބަރު

ކޯވިޑް-19 : ހަތް މީހުން ޕޮޒިޓިވްވެ، ނިޔާމަ ރިސޯޓް މޮނިޓަރިންގެ ޙަލަތަށް


ނިޔާމަ ރިސޯޓުން މިއަދު 7 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރިސޯޓް މޮނިޓަރިންގެ ޙާލަތަށް ގެންްގޮސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ ނިޔާމަ ރިސޯޓުން މިއަދު 7 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވަފައިވާކަމަށެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވެފައި އޮންނަތާ ދުވަސްތަކެއްވެފައިވާއިރު، ވަރަށް މަދުފަހަރެއްގައިނޫނީ ރިސޯޓެއް މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިނުވެއެވެ. ނިޔާމަ ރިސޯޓުން މިއަދު ޕޮޒިޓިވްވީ 2 ފަތުރުވެރިންނާއި 5 މުވައްޒަފުންނެވެ.

"ނިޔާމަ ރިސޯޓުން ޕޮޒިޓިވްވި މީހުން ޓެސްޓްކުރީ ބަލީގެ ޢަލާމާތްތަކެއް ހުރުމުން. އިތުރު 2 ސްޓާފުން ކޮންޓެކްޓުންގެ ގޮތުގައި ޓެސްޓްކުރެވުނު. މިހާތަނަށް އެރިސޯޓުން ޖުމްލަ 17 ސާމްޕަލެއްވަނީ ޓެސްޓްކުރެވިފައި. އޭގެ ތެރެއިން 7 މީހަކު ޕޮޒިޓިވެފައި މިވަނީ" ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ނިޔާމަ ރިސޯޓް މިވަގުތު މޮނިޓަރިންގައި އޮތުމާއެކު އެރަށަށް "ސްޕްލިޓް ސްޓޭ" ހެދުމާއި ސްޓާފުން އެކި ތަންތަނަށް ދިއުން މިވަގުތު ހުއްޓުވާފައިވާކަމަށެވެ. މީގެ އިތުރުން އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ދ.އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓްގެ ކަމާގުޅޭ ޓީމާއެކު ކުރަމުންދާކަންވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.

ނިޔާމަ ރިސޯޓުން މިއަދު ޕޮޒިޓިވް 7 ކޭސް ފެނިފައިވާއިރު އެޗްޕީއޭއިން ހާމަކުރި އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން 10 މީހުންވަނީ ރިސޯޓްތަކުން ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް 70 އަށްވުރެ ގިނަ މީހުން ރިސޯޓްތަކުގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިބިކަން އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެެ.

ކޯވިޑް-19އާ ގުޅިގެން ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ފަތުރުވެރިން ހިމެނޭހެން މިހާތަނަށް 207261މީހުން ވަނީ ރާއްޖެއަށް އައިސްފައެވެ.