ޚަބަރު

ކޯވިޑް-19 : ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ޕޮޒިޓިވްވީ 13،757 މީހުން


މާޗް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13757އަށް އަރައިފިއެވެ. މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 19 މީހުންނެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދު ރަނަގޅުވެފައިވަނީ 16 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 14 މީހުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 5 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13,757 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 16 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13141 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 95 އިންސައްތައަށްވުރެ ގިނަ މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ޑިސެމްބަރު މަހު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 746 މީހުންނެވެ. އަދި ނޮވެމްބަރު މަހު ޕޮޒިޓިވް ވެފައިވަނީ 1352 މީހުންނެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 561 މީހުންނެވެ. މިބަލީގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 27 މީހުންނަށެވެ.

އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2544 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް 316707 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވަނީ މާޗް މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއިން 13757 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރޭގައި 8600އަށްވުރެ ގިނަ ދިވެހިންނާއި 5000އަށްވުރެ ގިނަ ބިދޭސީން ހިމެނެއެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މި ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް 83 މިލިއަޔަނަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް މި ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު ވަނީ އެއް މިލިއަނަށްވުރެ އިތުރުވެފައެވެ.