ޚަބަރު

ގުޅިފަލުގައި "ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ"އެއް ހަދަނީ


މާލެއަތޮޅު ގުޅިފަޅުގައި "ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ"އެއް ޤާއިމުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 48ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ގުޅިފަޅުގައި ޤާއިމުކުރަން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ކަނޑައަޅުއްވަފައިވަނީ މިއަދުއެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެމީހުންގެ ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެމީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދެވޭނެގޮތަށް ޚާއްޞަކުރެވޭ މަރުކަޒެކެވެ.

މިތަން ހިންގުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އިޖުރަޢާތްތަކުގެ ދަށުން، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު، އެތަނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، އެތަނަށް ގެންދެވޭ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމަށްފަހުކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ "ޑްރަގް އޮފެންޑަރސް ރިމާންޑް ސެންޓަރ"ގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމުމުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ފަރުވާ ދޭންޖެހޭ މީހުންނަށް ރިހެބިލިޓޭޝަނާއި ކޮމިއުނިޓީ ފަރުވާއާއި އާފްޓަރ ކެއަރގެ ފަރުވާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވިއެވެ.