ޚަބަރު

ސިވިލް ސަރވިސްގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ މިންވަރު ފާސްކުރަން ޕޭ ކޮމިޝަނަށް ފޮނުވައިފި


މުވައްޒަފުންގެ ފެންވަރުބަލައި ކުރިއެރުން ލިބޭގޮތަށް ސިވިލް ސަރވިސްގައި ހިމެނޭ ޢިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، އެ މުވައްޒަފުންގެ މުސާރަ ދޭނެ މިންވަރު ފާސްކުރުމަށް ޕޭ ކޮމިޝަނަށް ފޮނުވައިފިއެވެ.

ރާއްޖޭގައި ސިވިލް ސަރވިސްގައި 26 ހާހެއްހާ މުވައްޒަފުން ޚިދުމަތްދެމުންދާއިރު މީގެ ތެރެއިން އެންމެ ގިނައީ އިދާރީ މަސައްކަތްތަކާއި ގުޅުހުންހުރި ވަޒީފާތަކުގައި ތިބި މުވައްޒަފުންނެވެ. ނަމަވެސް އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުން ލަސްވުމުގެ ސަބަބުން އެކަމުގެ ގިނަ ޝަކުވާތަކެއް މުވައްޒަފުން ދިޔައީ ކުރަމުންނެވެ.

ސިވިލް ސަރވިސްގައި ހިމެނޭ ޢިދާރީ މުވައްޒަފުންގެ އޮނިގަނޑާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާސިޙް ވިދާޅުވީ، އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި އެމުވައްޒަފުންގެ މުސާރައިގެ މިންވަރު ނުވަތަ ޕޭ ސްކޭލްއާމެދު ގޮތެއް ނިންމުމަށް ޕޭކޮމިޝަނަށް މިހާރު ފޮނުވާފައިވާކަމަށެވެ.

މިއާއެކު އަވަސް މުސްތަގުބަލެއްގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށާއި، އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްދާނެކަމަށް ބެލެވޭކަމަށް ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.

"2020 ވަނަ އަހަރު މި ދިމާވި ހާލަތާއި ގުޅިގެން އެހަލަތުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެކަމަށް ލަފާކުރެވެނީ. އެހެން ނަމަވެސް ކުރިއަށްއޮތް މުސްތަޤުބަލުގައި މުސާރައަށް އަވަސް ބަދެލެއް ގެނައުން ސަރުކާރުގެވެސް އަމާޒަކީ. އެގޮތަށް ޕޭކޮމިޝަންވެސް މަސައްކަތްކުރާނެކަމަށް ބެލެވޭ އަޅުގަނޑުމެން އެބޭފުޅުންނަށް އެއްބާރުލުން ދޭނަން" ސީއެސްސީގެ ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ސިވިލް ސަރވިސް ކޮމިޝަނުގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޞަޢީދު ވިދާޅުވީ މީގެކުރިން ސިވިލް ސަރވިސްގައި ހިމެނޭ ފަންނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާކަމަށާއި، އިދާރީ މުވައްޒަފުންގެ އޮނިގަޑުވެސް މިހާރު އެކުލަވާލާފައިވަނީ ކެރިއަރ ބޭސްޑް ނިޒާމެއްގެ ތެރެއިންކަމަށެވެ.

"މަގާމުގައި ހުރެގެން އެމީހެއްގެ ފެންވަރަށް ބެލިގެން ކުރިއަށްދިއުމުގެ މަގު ފަހިވެފައި އޮންނަ އޮނިގަނޑެއްގެ ގޮތުގައި އޮނިގަނޑު މިއޮންނަނީ. އޭގެ ތެރޭގައި މީހާގެ މަސައްކަތް ރަނގަޅިއްޔާ ވަކި އަހަރުތަކަކުން ކުރިއަށްދިއުމުގެ ފުރުސަތުވެސް ލިބޭނެ. އަދި ތައުލީމު ހާސިލުކޮށްފިއްޔާވެސް ކުރިއަށްދިއުމާއި މަޤާމުތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނޭ. އެއީ އިދާރީ މުވައްޒަފުންނަށް ލިބޭ ބޯދުކުރިއެރުމަކަށްވާނެ" އަބްދުﷲ ޞަޢީދު ވިދާޅުވިއެވެ.

ސިވިލް ސާވަންޓްގެ ކަންކަން ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތަފާތު 3 ޤަވާޢިދެއް އެކުލަވާލާފައެވެ. މީގެ ތެރޭގައި ޗުއްޓީއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުން އެޕްރައިޒް ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮސްދިނުމާ ގުޅޭ އުސޫލުތައްވެސް ހިމެނެއެވެ.