ޚަބަރު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި


ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވ، 12 މާރިޗުން ފެށިގެން އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު، 3 ފެބުރުވަރީ 2021 ގެ ނިޔަލަށް ދެމެހެއްޓުމަށް ހެލްތު މިނިސްޓަރު ނިންމާފައިވާކަމަށެވެ.

އާންމު ޞިއްޙަތުގެ ކުއްލިނުރައްކަލުގެ ޙާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާންކުރި ޤަރާރުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ދިވެހިރާއްޖޭގައި އަދިވެސް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތްކަމަށެވެ. އަދި 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރ އޮފް ހެލްތުވަނީ އަންގަވާފައެވެ.

އެއްމެ ފަހުން މިދިޔަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހު އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މިއާއެކު މި ޙާލަތު މިހާތަނަށް 10 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި ބަލިމަޑުކަމެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ފެނުނު ކޮރޯނާ ވައިރަސްގެ އައު ބާވަތް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ޓޭގްގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ދަނީ ކޯވިޑް-19ގެ ނުރައްކާ ކުޑަކޮށް އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކާއްޞަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.