ޚަބަރު

މާޗް މަހު ކައުންސިލް އިންތިޚާބު ނުބޭއްވޭނެކަން ޔަޤީންވެއްޖެ


ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި އެއިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ނުބޭއްވޭނެކަން ޔަޤީންވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައިވާގޮތަށް މާޗްމަހުގެ ކުރީކޮޅު އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން އައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު 10ވަނަ ފަހަރަށް އިތުރުކުމުން މާރިޗް މަހުގެ 6ވަނަ ދުވަހު ބާއްވަން މަސައްކަތްކުރި އިނތިޚާބު ނުބޭއްވޭނެކަން މިވަނީ ޔަޤީންވެފައެވެ.

އަންނަ މާޗް މަހުގެ 6ވަނަ ދުވަހު އިންތިޚާބު ބޭއްވޭނީ މިހާރު އޮތް ކުއްލިނުރައްކަލުގެ ހާލަތު އުވާލައިފިނަމަ ކަމަށާއި، ނަމަވެސް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު މިއަދު އިތުރަށް ދިގުދަންމާލުމުން އެމުއްދަތުގައި ދެން އިންތިޚާބު ނުބޭއްވޭނަކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ރައީސް އަޙްމަދު ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިކަމާއި ގުޅިގެން އަންނަ ބުދަދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމާގޮތެއް ހާމަކުރާނެކަމަށް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ. މާޗްމަހުގެ ކުރީކޮޅު ނުބޭއްވިއްޖެނަމަ ޤާނޫނަށް އިސްލާޙު ގެނެސްގެން ނޫންގޮތަކަށް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ކުރިއަށް ގެންދެވިދާނެކަމަށް ނުބެލެވޭކަމުގައިވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ކައުންސިން އިންތިޚާބު ބޭއްވުމަށް އެންމެ ފުރަތަަމަ ޝެޑިއުލް ކޮށްފައިވަނީ 2020ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ނަމަވެސް ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމާގުޅިގެން އިންތިޚާބު ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައެވެ. އަދި އިންތިޚާބާބެހޭ ޚާއްސަ ޤާނޫނެއް އެކުލަވާލައި އައު އިންތިޚާބެއް ބާއްވައި ހުވާކުރުމާ ހަމައަށް މިހާރު ތިބި ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށްވަނީ ބަދަލު ގެނެސްފައެވެ.