ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ޙުކުމް މިމަހުގެ 14ވަނަ ދުވަހަށް ތާވަލުކޮށްފި


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ ޙުކުމް އިއްވުން މިމަހުގެ 14ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުން ކުރި ޙުކުމް އިސްތިއުނާފްކުރުމަށް ހައިކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގައެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމި ޝަރީޢަތުގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.މުޙައްމަދު ޖަމީލް ވަނީ ކްރިމިނަލް ކޯޓުންކުރި ޙުކުމުގައި ހުރިކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރާ ކަންބޮޑުވުންތަކާއި ޤާނޫނާއި ޤާވާޢިދުތަކާ ޚިލާފަށް ހިންގާފައިވާކަމަށް ވިދާޅުވެ އެޙުކުމް ދަމަހައްޓަފިނަމަ ގޯސް ނަތީޖާތަކެއް ނުކުމެދާނެކަމަށް ވިދާޅުވެފައެވެ.

އަދި މިމައްސަލާގައި ބުނާ ގއ.ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ރަށެއްނޫންކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އެރަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގެ އެއްވެސް ވާހަކައެއް ރައީސް ޔާމީނާހަމައަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނު ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހުންނަވައިގެން ވިޔަފާރި ކުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު އެކައުންޓަށް ޖަމާވި ފައިސާ އެމަނިކުފާނު އިންވެސްޓްކޮށްފައިވާކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި އިންތިޚާބުތަކަށް ޚަރަދު ނުކުރެވޭގޮތަށް އިސްލާމިކް ބޭންކުގައި ފައިސާ އިންވެސްޓްކުރަންޖެހޭ ސަބަބެއްނެތްކަމަށް ވިދާޅުވެ ސިޔާސީ މަސައްކަތްތަކަށް ފައިސާ ލިބިވަޑައިގެންނެވިކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ދައުލަތުން ވަނީ ރައްދުދެއްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މި ހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.