ޚަބަރު

މާދަމާ ހެނދުނާހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ - މެޓް


މިރެއިން ފެށިގެން މާދަމާގެ ހެނދުނާހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަކޮށް ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ އެހެން ހިސާބުތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. މީގެ އިތުރުން އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ކަނޑުތައް އެންމެ ދެކުނުގައި އާދައިގެވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކަށް އާދައިގެވަރަކަށް ކަނޑު މަޑުވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މިވަގުތު ތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގައިކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެން ވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.