ޚަބަރު

ކޯވިޑް-19އަށް ޕޮޒިޓިވެވެ ޖަސްޓިސް ރިޓަޔަރޑް މުޖުތާޛަށް ފަހުމީއަށް ފަރުވާދޭން ފަށައިފި


ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛް މުޖުތާޛު ފަހްމީ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ހާލުކޮޅު ދެރަވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މުޖުތާޒް ފަހުމީގެ ބޭފުޅަކު ވިދާޅުވީ މުޖުތާޛު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ އަމިއްލަފުޅު ރަށަށް ޗުއްޓީއަކަށް ވަޑައިގެންނެވުމަށްޓަކައި ލ. އަތޮޅުގެ އެހެން ރަށެއްގައި ހޯމްކަރަންޓީންގައި ހުންނަވަނިކޮށް ރޯގާގެ އަލާމަތްތަކެއް ފާހަގަވެގެން ޓެސްޓުކުރެއްވުމުންކަމަށެވެ.

އަދި އެއަށްފަހު ހައްދުންމަތީ ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީއަށް ބަދަލުކުރިކަމަށާއި، އޭގެ ފަހުން ނޭވާލާން ދަތިފުވުމުންނާއި، ހައިރިސްކް މީހަކު ކެޓަގަރީގައި ހިމެނޭތީ މާލެ އަށް ބަދަލުކުރެއްވީކަމަށެވެ. މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި މުޖުތާޛު ފަހްމީއަށް ފަރުވާދެމުންދާކަމަށާއި ހާލުކޮޅު މިވަގުތު ރަނގަޅުކަމަށްވެސް ދަރިކަލުން މައުލޫމާތުދެއްވިއެވެ.

ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު މުޖުތާޛު ފަހްމީ ވަނީ ޝަރުޢީ ދާއިރާގައި އެތައް އަހަރެއް ވަންދެން ޚިދުމަތްކުރައްވާފައެވެ.

މުޖުތާޛު ފަހްމީއަކީ 2008 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 18ވަނަ ދުވަހު ފުރަތަމަފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓު ޤާއިމުކުރެވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަންކުރެނުނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ ވަނީ 18 ސެޕްޓެންބަރު 2008 އިން 10 އޮގަސްޓު 2010 އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވުމަށްފަހު މިހާރު ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.