ޚަބަރު

އުޞޫލުތައް މުރާޖާކުރަމުންދާތީ ތިލަފުއްޓާއި ގުޅިފަޅުން ބިން ދޫކުރުން މަޑުޖައްސާލައިފި


މާލެ އަތޮޅު ތިލަފުއްޓާއި ގުޅިފަޅުން ވަގުތީ ގޮތުން ދޫކުރާ ބިންތައް ދޫކުރުން މިވަގުތަށް މަޑުޖައްސާލައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް(އެޗް.ޑީ.ސީ)އިން ކުރި ޢިއުލާނެއްގައެވެ.

އެޗް.ޑީ.ސީން ވިދާޅުވީ އެކުންފުންޏާއި، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމާގުޅިގެން ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ ސަރަހައްދު ތަރައްޤީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން އެކޯޕަރޭޝަނުން ކުރަމުންދާކަމަށެވެ.

އެގޮތުން، ތިލަފުށްޓާއި ގުޅިފަޅުން ބިންދޫކުރުމާއި ބިންބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުޞޫލުތަކާއި ޤަވާއިދުތައް މުރާޖަޢާކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށާ، އޭގެ އިތުރުން މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތަށް ހައްލު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށްޓާއި ގުޅިފަޅުން ބިންދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަން އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް ދޫކުރެވެންހުރި ވަގުތީ އަދި ދާއިމީ ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްނިމުމުން، އެބިންތަކަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެކަމަށްވެސް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން މައުލޫމާތުދެއްވިއެވެ.

މާލީ ގޮތުންނާއި އަދި ހިންގުމުގައި ލިބޭނެ ފައިދާތަކަށް ރިޢާޔަތްކުރުމަށްފަހު ހުޅުމާލެ، ތިލަފުށި، ގުޅިފަޅު ހިމެނޭ ގޮތަށް ގްރޭޓަރ މާލޭ އޭރިޔާ ތަރައްޤީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީއާއި ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އެއްކޮށްލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެތެރޭގައެވެ.