ޚަބަރު

ރިސޯޓެއްގައި ރޭޕް ކުރުމުގެ ޢަމަލެއް ހިނގާފައިވާކަމުގެ ހެއްކެއް ނެތް - ފުލުހުން


ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުން އަތްލަން މަސައްކަތްކުރި މައްސަލަ ފުލުހުން ތަޙުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަމަށެވެ. އެހެން ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާކަމަށް އެއަންހެންމީހާގެ ފަރާތުން ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ތަހުގީގުކުރަމުން ތަހުޤީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މީޑިއާގައި މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅައިނުވާކަމަށާއި، އަދި މިމައްސަލައާގުޅޭ މައުލޫމާތު ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ރާއްޖެއިން ފުރާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސުން ވިދާޅުވިއެވެ.