ޚަބަރު

ފަތުރުވެރިކަމުގެ ސިނާޢާތާއެކު ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުން - ރައީސް


ކޯވިޑް-19އާ ގުޅިގެން ހުއްޓުމަކަށްއައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުޅުވާލެވި އެސިނާޢަތަށް މިހާރު ލިބެމުންދާ ކުރިއެރުމާއެކު ރާއްޖޭގެ އިޤްތިޞާދު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދު އަލުން ކޮޅަށްޖެހުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން އިންޑިއާގެ "ދަ ހިންދޫ" ނޫހަށްދެއްވި ބަސްދީގަތުމެއްގައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޢާލަމީ ވަބާއާ ގުޅިގެން ދުނިޔޭގެ އެހެން ޤައުމުތަކޭއެއްފަދައިން އިގްތިޞާދަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ދިވެހި ސަރުކާރު ކުރަމުންދާ މަސައްކަތްތަކާއި ގެންގުޅޭ ޕްލޭންތަކާއި ގުޅޭގޮތުން ދަ ހިންދޫން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ މީގެ އެތައް އަހަރެއް ކުރިއްސުރެން ފެށިގެން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއްކަމަށާއި ނަމަވެސް ކޯވިޑް-19އާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތަށް އައި ލޮޅުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި މުޅި އިޤްތިސާދަށްވެސް އެކަމުގެ ނޭދެވޭ އަސަރު ކުރިކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތަށް އައިބަދަލުތަކަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ސިއްޙީ އިދާރާތަކުގެ އިރުޝާދުތަކާއި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކުރި ބުރަ މަސައްކަތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލީ ރިސޯޓްތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ސިއްޙީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކާއެކުކަމަށެވެ.

އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މިރޮނގުން ކުރެވުނު މަސައްކަތުން ދުނިޔޭގެ މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށް ރާއްޖެއިން ވޯލްޑް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑް ހާސިލުކޮށްފައިވާކަން ރައީސް ޞާލިޙްވަނީ ފާހަގަކުރައްވާފައެވެ.

ދަ ހިންދޫއަށްދެއްވި ބަސްދީގަތުމުގައި ރައީސްވަނީ ބޭރުފައިސާގެ ރިޒާވް ރަނގަޅުކުރުމަށާއި ދަރަނިތައް ކުޑަކުރުރުމާއެކު ވެއްޓިފައިވާ އިޤްތިޞާދީ އަނދަވަޅުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަން އަދިވެސް ބޭނުންވާކަމަށެވެ.

އަދި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ނާޒުކުރު ހާލަތުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތައް އަރައިގަތުމަށް އެފަދަ ޤައުމުތަކުން ގޮވާލާފައިވާގޮތަށް ޤައުމުތަކުން ދައްކަންޖެހޭ ދަރަނި މަޢާފްކޮށްފިނަމަ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ވެދެވޭ މުހިންމު އެހީއަކަށްވާނެކަމަށްވެސް ރައީސް ޞާލިޙްވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުވަނީ ކޯވިޑް-19އާ ގުޅިގެންނާއި ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ބައިވެރިންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި، ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަމައްޓަކައި އެހީތެރިކަމަށްޓަކައި ޝުކުރުއަދާކޮށްފައެވެ.