ޚަބަރު

ކޯވިޑް-19 : ދެއްވަދޫ ކްލަސްޓަރއިން މިހާތަނަށް 22 މީހުން ޕޮޒިޓިވްވެއްޖެ


ގއ.ދެއްވަދޫން ކޯވިޑް-19އަށް މީހަކު ޕޮޒޒިޓިވްވެ އުފެދިފައިވާ ކްލަސްޓަރ އިން މިހާތަނަށް 22 މީހުން ޕޮޒިޓިވްވެފައިވާކަމަށާ، އެ ކްލަސްޓަރއާ ގުޅުންހުރި ބަޔަކު ހުޅުމާލެއާއި ހައްދުންމަތީ ފޮނަދޫންވެސް ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވައިފިއެވެ.

އެޗްއީއޯސީގެ ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން އިބްރާހީމް ނިޒާމް ވިދާޅުވީ ދެއްވަދޫން
ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުކަމަށާ، ދެވަނަ ކޭސް ފެނިފައިވަނީ މިމަހުގެ 6ވަނަ ދުވަހުކަމަށެވެ. އަދި އޭގެ އެއްދުވަސްފަހުން 7 ޖެނުއަރީގައި 6 ކޭސް ފެނިފައިވާއިރު، 9 ޖެނުއަރީގައި ގައި 5 މީހުން ޕޮޒިޓިވްވެ، މިއަދު އިތުރު 9 މީހުން ޕޮޒިޓިވެފައިވާކަމަށެވެ.

މިއާއެކު ދެއްވަދޫ ކްލަސްޓަރއިން މިހާތަނަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ ސީދާ އެރަށުން ޕޮޒިޓިވްވި، 16 މީހުންނާއި، މިކްލަސްޓަރ އާއި ގުޅުންހުރެގެން ހުޅުމާލެއިން ޕޮޒިޓިވްވި 2 މީހުންނާއި، ލ.ފޮނަދޫން ޕޮޒިޓިވްވި 4 މީހުންކަމަށް ކޮންޓެކްޓްރޭސިންއިން މައުލޫމާތުދެއެވެ.

އަދި ދެއްވަދޫގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް 149 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށާއި، އޭގެ ތެރެއިން ހައިރިކްސް 50 މީހަކާއި، ބަލީގެ އަލާމާތްތަށްހުރި 18 މީހެއް ފާހަގަވެފައިވެއެވެ. މިހާނަށް ދެއްވަނޫން 163 ނަގައި 78 ސާމްޕަލްގެ ނަތީޖާ ލިބިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. މީގެ އިތުރުން ފޮނަދޫއިން ޕޮޒިޓިވްވި 4 ކޭސްއާގުޅިގެން 59 ކޮންޓެކްޓުން ފާހަގަކުރެވި، އޭގެތެރެއިން ހައިރިސްކް 10 މީހަކާއި ބަލީގެ އަލާމާތްތައް ހުރި 8 މީހުން ދެނެގަނެވިފައިވާކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

އެސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ދެއްވަދޫގެ ކޭސްތަކާ ގުޅިގެން ކުރަންޖެހޭ އިންވެސްޓިގޭޝަންގެ މަސައްކަތް ކުރަމުންދާކަމަށާއި، މިހާތަނަށް ބެލިބެލުމުން މިހާރު އެރަށުގައި ބަލިފެތުރެމުން މިދަނީ ކަރަންޓީނުގައި ހުރި މީހެއްގެ ކިބައިންކަމަށް ނުބެނެވޭކަމަށެވެ.

"މިހާތަނަށް މިކްލަސްޓަރގެ ކޮންޓެކްޓްރޭސިންއާ ކަންތައްތަކަށް ބަލާލާއިރު، މިރަށުގައި ބަލި ފެތުރެމުންދާތާ ދުވަސްކޮޅެއް ވެދާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. އަދި މިއީ ސީދާ ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެ އެމީހާގެ ފަރާތުން އެހެން މީހުންނަށްދިޔަ ނުވަތަ ފެތުރުނު ކަމެއްގެ ބަދަލުގައި ހަމަ ރަށުތެރޭގައި ކޮންމެވެސް އެހެން ގޮތަކުން ބަލި އިންޓްރޮޑިއުސްވެގެން ކޮންމެވެސް ވަރަކަށް ރަށުތެރޭގައި ދުވަސްކޮޅެއްގެ ތެރޭގައި ބަލި ސަރކިއުލޭޓްވަމުން ޓްރާންސްމިޓްވަމުން ގޮސްފައިވާކަމަށްބެލެވޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީގެ އެޓޯލްސް ޕްރިޕެއަޑްނަސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އަބްދުﷲ މައުރޫފް ވިދާޅުވީ، ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން ދެއްވަދޫއާއި ލ.ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެ ތިންރަށަށް އަރައިފޭބުންވަނީ މަނާކޮށްފައިކަަމަށެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެރަށްރަށުގެ އާންމުން ގެއިން ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކް އެޅުމަށްވަނީ އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެ އިތުރުން ފިހާރަތަކަށް ވަނުމުގެ ބަދަލުގައި ޑެލިވަރީ ކުރުމުގެ ޚިދުމަތް ބޭނުންކުރުމާއި، ބަލީގެ އަލާމާތެއް ހުރި މީހެއްނަމަ އެރަށެއްގައި ހުންނަ ސިއްޙީ ޚިދުމަތްދޭ ތަނަކަށްގޮސް ޓެސްޓްކުރުމަށް މައުރޫފްވަނީ އިލްތިމާސްކުރައްވާފައެވެ.

މި ތިން ރަށުގެ ވެސް ސްކޫލްތައް ވަގުތީގޮތުންވަނީ ބަންދުކޮށްފައެވެ. އެ ރަށްރަށުން މަސްވެރިކަމަށް ފުރާނަމަ ރަށު ކައުންސިލާއި އެރަށެއްގެ ޓާސްކްފޯހަށް އެންގަންވާނެކަމަށާއި، މަސްކިރުވަން އިތުރު ރަށަކަށް ދިއުމަކީ މިވަގު ހުއްދަކަމެއް ނޫންކަމަށްvެސް އެޗްއީއޯސީން ވިދާޅުވިއެވެ. އަދި މި 3 ރަށަށް ފުރަބަންދު ކަރަންޓީނުވުމަށް ދަތުރުކުރުންވެސް ވަނީ މިހާރު ވަގުތީގޮތުން މަނާކޮށްފައެވެ.

ދެއްވަދޫގެ ކޭސްތަކާ ގުޅިގެން ބަލި އިތުރަށް ފެތުރުނަ ނުދިނުމައްޓަކައި އެޗްއީއޯސީއާއި އެރަށު ޓާސްކްފޯހާދެމެދު މަޝްވަރާކޮށް ދޭންޖެހޭ އިރުޝާތުތައް ދީފައިވެއެވެ. އަދި އެރަށަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްތް ކުރަމުންދާކަމަށްވެސް އެފަރާތުން ވިދާޅުވެއެވެ.

"ކޭސްތައް ޕޮޒިޓިވްވުމުން ގިނަ ބަޔަކު ހޯމްކަރަންޓީންއަށް ދާންޖެހުމުން މުވައްޒަފުންގެ ދަތިކަން އެބަހުރި. އެއާއެކު އެރަަށަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން މިވަގުތުވަނީ ރިޕްލޭސްކުރެވިފައި. އެގޮތުން އިތުރު 2 ނަރުހުންނާއި، ޑޮކްޓަރަކާއި، ހެލްތް ވޯކަރެއް ހިމެނޭ ވަގުތީ ޓީމެއް އެރަށުގައި އެރަށަށްވަނީ ފޮނުވިފައި. އަދި އިތުރަށް ބޭނުންވާ ތަކެތި އެރަށަށް ފޮނުވުމުގެ މަސައްކަތްމިދަނީ ކުރަމުން" މައުރޫފް ވިދާޅުވިއެވެ.

ގއ.ދެއްވަދޫން 30 ނޮވެމްބަރ 2020ގެ ފަހުން އެހެން ރަށަކަށް ގޮސްފައިވާ މީހެއް ވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްޙީ މަރުކަޒަށް އެންގުމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ އިލްތިމާސްކުރައްވާފައެވެ.