ޚަބަރު

ޚިދުމަތަށް ރަޖިސްޓްރީނުކުރުމާއި ބިލަށް ފައިސާނުދެއްކުން އިންތިހާއަށް އިތުރު - ވެމްކޯ


މާލޭގެ ތިރީސް ފަސްހާހަށްވުރެ ގިނަ ގޭބިސީގެ ތެރެއިން ރަޖިސްޓްރީކޮށްގެން ޚިދުމަތްހޯދަނީ 35 އިންސައްތަ ގޭބިސީއަކުންކަމަށާއި، އޭގެ ތެރެއިންވެސް ބިލްތައް ދައްކަނީ މަދުބަޔަކުކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކޮށްފިއެވެ.

ވެމްކޯގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އެކުންފުނީގެ މެނޭޖަރ ހައުސްހޯލްޑްސް ކަލެކްޝަން މުޙައްމަދު ޝާން ވިދާޅުވީ މާލޭގެ ގޭބިސީތަކުން އުފެދޭ ކުނި ދުވަހުން ދުވަހަށް ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، ރަޖިސްޓްރީނުކޮށް ގިނަ ބަޔަކު ޚިދުމަތްހޯދުމުގެ ސަބަބުން އެމަސައްކަތް އަދި ކުރަމުންދަނީ ގެއްލުމުގައިކަމަށެވެ.

ގޭގޭގައި ދުވަހުން ދުވަހަށް އުފެދޭ ކުނިތައް އުކުމުގެ ކަންކަން އުސޫލެއްގެދަށުން ކުރަމުން އައިނަމަވެސް ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގޭގޭގެ ތިރިއަށް ކުނިބާލާގޮތަށް ހަމަޖެއްސުމުން އޭގެ ނާޖާއިޒު ފައިދާ ގިނަ ބަޔަކު ނަގަމުންދާކަމަށް ޝާން ވިދާޅުވިއެވެ. އެގޮތުން ގޭގެއިން ކުނިތައް ނެރެފައި ބަހައްޓާ ތަންތަނުގައި ވިޔަފާރިތަކާއި، ކޮމާޝަލް ޚިދުމަތްދޭ ބައެއް ތަންތަނުންވެސް ކުނި ބަހައްޓަމުންދާކަމަށާއި، އޭގެ ތެރޭގައި ވެމްކޯގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައްވެސް ގިނަކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގެ ގޭބިސީތަކުގެ ތެރެއިން އަޅުގަނޑުމެންގެ ޚިދުމަތަށް ރަޖިސްޓްރީ ކުރައްވައިގެން މިއުޅުއްވަނީ ގާތްގަނޑަކަށް 30 އިންސައްތަ. އަދި އެ 30 އިންސައްތައިގެ ތެރެއިން ގާގްގަނޑަކަށް އަޅުގަނޑުމެންނަށް ބަރާބަރަށް ފައިސާ މިދައްކަނީ 13 އިންސައްތައާ 15 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުން. އެހެންވީމަ މިމަސައްކަތުން ލިބޭފައިދާއަށްވުރެ ގެއްލުން އަދި ބޮޑުކޮށް މިދަނީ" ޝާން ވިދާޅުވިއެވެ.

ގޭބިސީތަކުން ޚިދުމަތްހޯދުމަށް ރަޖިސްޓްރީ ނުކުރިނަމަވެސް އަދި ޚިދުމަތުގެ ފައިސާ ނުދެއްކިނަމަވެސް މިދުވަސްވަރަކީ ބަލިމަޑުކަމުގެ ދުވަސްވަރަކަށްވުމުން އެންމެ އިސްކަމެއްދެނީ މާލޭގެ މަގުތައް ސާފުތާހިރުތަނެއްގެ ގޮތުގައި ބޭއްވުމަށްކަމަށާއި، އެކުންފުނީގެ މުވައްޒަފުން އެމަސައްކަތްދެކެނީ ޤައުމީ މަސައްކަތެއްގެ ގޮތުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުނި ކަލެކްޓް ކުރުމަށާއި، މަގުތައް ސާފުކުރުމުގެ އިތުރުން ކުނި ނެގުމަށްފަހު ތިލަފުއްޓާހަމައަށް ވަކި އުސޫލެއްގެދަށުން ކުނި ގެންގޮސް މެނޭޖްކުރުމުގެ މަސައްކަތް ކުރަނީ ބޮޑެތި ޚަރަދުތަކެއް ކޮށްގެންކަމަށްވާއިރު، ހުރިހާ ފަރާތްތަކުންވެސް މި ޚިދުމަތް ހޯދާއިރު ސަމާލުވާންޖެހޭ ކަންކަމަށް ފަރުވާތެރިވެ، ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދުމާއި ބަރާބަރަށް ޚިދުމަތުގެ ފައިސާ ދައްކަމުން ދިއުމަށް އެކުންފުނުންވަނީ އިލްތިމާސްކޮށްފައެވެ.

ބައެއް ވިޔަފާރިތަކާއި އެނޫންވެސް ތަންތަނުން ވެމްކޯގެ ޓީޖެޓީ ސަރަހައްދުތަކަށް ކުނި އުކާލާއިރު، އަމަލުކުރަންޖެހޭ އުސޫލުތަކާއި ކަނޑައެޅޭ ވަކި ފީއެއް ދަންކަން ކުރިން ހަމަޖައްސާފައިވާއިރު، މީގެ ކުރިން އެކަންކަމުގައި ހަރުކަށި ފިޔަވަޅެއް ނޭޅިނަމަވެސް ކުރިއަށްއޮތްތަނުގައި އެގޮތަށް ކުނިއުކާނަމަ ނަގާ ފީ ބޮޑުކުރުމާއި، ކުނި ގެންނަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލަމުންދާނެކަމަށް ވެސް ވެމްކޯއިން ވިދާޅުވެއެވެ.

މީގެ އިތުރުން ހުޅުމާލޭގައި މީހުން އާބަދުވާ ސަރަހައްދުތަކުގައި ކުނިމެނޭޖް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި އިދާތަކާއެކު މަޝްވަރާކޮށް އެތަންތަނުގައި ކޮމިއުނަލް ބިން ބަހައްޓައިގެން ކުނިއުކާލުމުގެ ޚިދުމަތްދިނުމުގެ ވިސްނުންހުރިކަން ވެމްކޯއިންވަނީ ހާމަކޮށްފައެވެ.