ޚަބަރު

149ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި


ގދ.ހުޅުވާރުލުން ފެނުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތީގެ މައްސަލާގައި ދައުވާކުރި މީހުންގެ މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިޢުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

ރާއްޖެއަށް އެތެރެކޮށް، ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހުގައެެވެ.

މިމައްސަލާގައި ދައުވާ ކުރި 5 މީހުންގެ މައްސަލަ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލާފައިވާކަމަށް ބެލެވެނީ ދައުވާކުރަން ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން އެކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިޢުނާފު ނުކުރަން ޕީޖީން ނިންމި ނިންމުމާއި ގުޅިގެން މިކަމުގައި އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ޕީޖީ އޮފީހުން އަޅަމުން ގެންދާނެކަމަށް ކަމަށް އެ އޮފީހުންވަނީ މިހާރުވަނީ ހާމަކޮށްފައެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިހުމާލުތަކުގެ މައްސަލަ ބަލައި، ޖުޑިޝަރީ ކޮމެޓީގެ މެންޑޭޓް ލިބިގެންވާ ފަރާތްތަކުގެ ތެރެއިން މި މައްސަލާގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށްޓަކައި އިއްޔެ މަޖިލީހަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

މިމައްސަލަ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރުވަނީ ހުށައަޅާފައެވެ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ އަތުލާގަތް 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާކުރި ފަސް މީހުންގެ ތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގދ.ގައްދޫ އެދުރުގެ އުމުރުން 25 އަހަރުގެ ޔާމިހް ޚާލިދާއި ހަމަ އެގޭ އުމުރުން 42 އަހަރުގެ އަހްމަދު ހަލީމާއި ގއ.ކޮނޑޭ ރޮމޭންސް އުމުރުން 35 އަހަރުގެ ޝަފީޒު މުހައްމަދާއި ގއ.ނިލަންދޫ އުމުރުން 35 އަހަރުގެ އަލީ ޝާކިރާއި ގއ.ކޮނޑޭ ގަހާކޯޅި އުމުރުން 34 އަހަރުގެ އަހްމަދު އަނިލްގެ މައްޗަށެވެ.

ހުޅުވާރުލުގައި ރަށުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.