ޚަބަރު

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭގުޅޭ ޤަވާއިދަށް ޢަމަލުކުރަން ފަށައިފި


ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެކުލަވާލި ޤަވާއިދަށް ޢަމަލުކުރަން ފަށައިފިއެވެ.

މިއީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަކީ ކޮބައިކަން ކަނޑައަޅައި، އެފަދަ މީހުންނަށް ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުޞޫލުތައް ބަޔާންކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ހަމައެއާއެކު މިދިޔަ ނޮވެންބަރު މަހުގެ 20ވަނަ ދުވަހު ޢަމަލުކުރަން ފެށުނު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭންޖެހޭތީ، އެކަމާބެހޭ އުޞޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތެއް މި ގަވާއިދުގެ ދަށުން ޝަރުޠު ފުރިހަމަވުމަށްޓަކައި، އެފަރާތް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކުށަކީ ޤަވާއިދުގައި ބުނާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭކަމަށާއި، ގަވާއިދުގެ ޖަދުވަލު 1 ގައިވާ ކުށުގެ ތުހުމަތުގައިވާ މީހާއަކީ މާލީ ތަނަވަސްކަމެއް ނެތް މީހެއް ކަމުގައި ބަލާނެ މިންގަނޑުތަކުން ޝަރުޠު ފުރިހަމަވާންޖެހޭނެކަމަށްވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދި ހުށަހަޅާ 18 އަހަރުން މަތީގެ ފަރާތްތައް އެކަމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ މި ޤަވާއިދުގެ ޖަދުވަލު 2 ގައިވާ ފޯމު މެދުވެރިކޮށްކަމަށާއި، އެ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެއޮފީހުން ވިދާޅުވިއެވެ.

މިއަދު ޢަމަލުކުރަން މި ފެށުނު ގަވާއިދުގައި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅަންވީ ގޮތުގެ އުޞޫލުތަކާއި، ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދޭ އިދާރާގެ ޒިންމާތަކާއި، ކަމާބެހޭ ދައުލަތުގެ އިދާރާތަކުން ޢަމަލުކުރަންޖެހޭ އިޖުރާޢަތުތަކާއި، ދައުލަތުގެ ފަރާތުން ހަމަޖައްސައިދޭ ޤާނޫނީ ވަކީލުގެ ޒިންމާތައްވަނީ ހިމަނާފައެވެ.

މީގެ އިތުރުން ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަރުދަނާ ގޮތެއްގައި ޤާއިމްކުރުމާބެހޭ އުޞޫލުތައް މި ޤަވާއިދުގައިވަނީ ހިމަނާފައެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހިތެރިކަން ފޯރުކޮށްދިނުމާބެހޭ ޤަވާޢިދުވަނީ އުވިފައެވެ.