ވިޔަފާރި

އިންކަމް ޓެކްސް ގިނައިން ދެއްކިފައިވާނަމަ ފައިސާއިން ބަދަލު ހޯދުމަށް އެދެވޭނެ


އިންކަމް ޓެކްސްއާއެކު ފައިސާއިން ބަދަލުދިނުމުގެ ނިޒާމެއް މިއަހަރު ތަޢާރަފްކުރާނެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ބުނެފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނަގަންފަށަފައިވަނީ 1 އެޕްރީލް 2020 އިން ފެށިގެންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ޑިރެކްޓަރ ޖެނެރަލް މޫސާ ޙަލީމް ވިދާޅުވީ، މިއަހަރު މީރާގެ ޕްރޮސީޖަރތައް ފަސޭހަކޮށްދިނުމުގެ ގޮތުން ޓެކްސް ދައްކާ ފަރާތްތަކުން އިންކަމް ޓެކްސް ބަޔާން އޮންލައިންކޮށް ހުށައެޅޭނެގޮތް ހަމަޖެއްސުމާއި، ފައިސާ ދެއްކޭނެގޮތް ހަމަޖެއްސުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން އިންކަމް ޓެކްސްއާއެކު ފައިސާއިން ރިފަންޑް ދިނުމުގެ ނިޒާމެއްވެސް ތައާރަފްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިޒާމްގެ ދަށުން ކޮންމެ މަހަކު މުވައްޒަފުންގެ އުޖޫރައިން ޓެކްސް ދައްކާފައިވާ ފަރާތެއް އަހަރު ނިމޭއިރުގައި އެފަރާތުން ދައްކަންޖެހޭ ޖުމްލަ ޓެކުހަށްވުރެ ގިނައިން އުޖޫރައިން އުނިކުރެވިފައި އޮންނަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ފަރާތަކަށް ރިފަންޑް ދިނުމަށް މީރާއަށް އެދެވޭނެކަމަށެވެ.

"އިންކަމް ޓެކްސްއާއިއެކު އެބައާދޭ ފައިސާއިން ރިފަންޑް ދިނުމުގެ ނިޒާމެއް. މިއީ އަދި އަލަށް ކުރަންއުޅޭކަމެއް. އެހެންނަމަވެސް މިއީ ކުރިންވެސް އަޅުގަނޑު ދެންނެވިގޮތައް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމަނުއްވާފައޮތްކަމެއް އެއީ ޓެކްސް ދައްކާ ފަރާތްތަކަށް އިތުރަށް ދެއްކޭ ފައިސާ އަނބުރާ ހޯދުމުގެ ނިޒާމް ފަހިކޮށްދިނުން." މޫސާ ޙަލީމް ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނަގަނީ 60000 އަށްވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބޭ ފަރާތްތަކުގެ އަތުންނެވެ. އިންކަމް ޓެކްސް ނަގާ މިންވަރަށް ބަލާއިރު:

60،000 އިން ދަށުގެ އާމްދަނީ - %0
60،000 އާއި 100،000 އާއި ދެމެދުގެ އާމްދަނީ - %5.5
100،000 އާއި 150،000 އާއި ދެމެދު - %8
150،000 އާއި 200،000 ދެމެދު -%12
200،000 އިން މަތީގެ އާމްދަނީ - %15

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީގެ 18 އިންސައްތައަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ ޖުމްލަ 1.89 ބިލިއަން ރުފިޔާއެވެ.