ކުޅިވަރު

ގްރީން މޮޅުވެ ލީގުގެ ތިންވަނައަށް


ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އަތުން 4-1 އިން މޮޅުވެ ކްލަބް ގްރީން ސްޓްރީޓްސް ލީގުގެ ތިން ވަނަ އަށް އަރައިފިއެވެ.

މެޗު ފަށައިގެން ފުރަތަމަ ދެ ހަމަލާވެސް އުފެއްދީ އީގަލްސް އިންނެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 16 ވަނަ މިނިޓްގައެވެ. ގްރީން ސްޓްރީޓްސް އަށް ލީޑުނަގައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި އަލީ ޝާމިއު (މައިތޯ) އެވެ. އޭރިއާ ބޭރުން އޭނާ ޖެހި ޝޮޓް ގޯލަށް ވަނީ އީގަލްސްގެ ކީޕަރު އިބްރާހިމް ސިނާހު އަތުގައި ޖެހިފައެވެ.

ސިނާހު ފުރަތަމަ އެގާރައިގައި ހިމެނީ އީގަލްސްގެ މޮންޓެނީގްރޯގެ ކީޕަރު މިލާން ޔެލޮވަކް ދެ ކާޑުހަަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމުންނެވެ. ލީޑު ލިބުނުތާ އެއް މިނިޓުގެ ތެރޭގައި ގްރީން ސްޓްރީޓްސް އިން ދެ ވަނަ ގޯލެއް ޖެހިއެވެ. ޢަބްދުﷲ ޔާމީން (ޔާން) ނަގައިދިން ހުރަހަކުން ހަސަން ނަޒީމް (ޗޯޓު) ބޮލުން ޖައްސާލި ބޯޅަ އީގަލްސް ޑިފެންޑަރެއް ގައިގައި ޖެހިފައި މުނޯޒަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

ގްރީން ސްޓްރީޓްސް އިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތިން ވަނަ ގޯލު ޖެހީ އީގަލްސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. ހަލީލް ޖަމާލް ދިން ބޯޅައަކުން ގްރީން ސްޓްރީޓްސްގެ މި ގޯލު ޖެހީ ޔާންއެވެ. އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެ ގޯލެއް ޖަހަން ކުރި މަސަައްކަތް ކާމިޔާބުވީ މެޗުގެ 60 ވަނަ މިނިޓްގައެވެ. ހަންނަ ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ސާގިބު އަތުގައި ޖެހިފައި ނުކުތް ވަގުތު ނާއިމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލައިފައެވެ.

ގްރީން ސްޓްރީޓްސްގެ ހަތަރު ވަނަ ގޯލަކީ ކޯނަރަކުން އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) ނެގި ބޯޅައެއް އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ފައިގައި ރަނގަޅަށް ލައްވާނުލައި ގޮސް ބައިކޮޅަށް ވަން ގޯލެކެވެ.

ގްރީން ސްޓްރީޓްސް ތިން ވަނަ އަށް އެރީ ކުޅުނު ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.