ޚަބަރު

ދެއްވަދޫ ކްލަސްޓަރ : ވިލިނގިއްޔާއި ހުޅުމާލެއިން ބަޔަކު ޕޮޒިޓިވްވެއްޖެ


ދެއްވަދޫ ކްލަސްޓަރގައި ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ބަޔަކު ޕޮޒިޓިވްވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުން ދެއްވަދޫގެ އިތުު ކޭސްތަކާއެކު މިކްލަސްޓަރގެ ކޭސްތައް ފެނިފައިވާ ވިލިނގިލިންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ދާންދޫން ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހަކު ހުޅުމާލޭއިންވެސްވަނީ ޕޮޒިޓިވްވެފައެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ތައުފީޤް ވިދާޅުވީ އެރަށުން އިތުރު 11 މީހުން ޕޮޒިޓިވްވެފައިވާކަން ރޭ އެނގިފައިވާކަމަށެވެ. މިއާއެކު ދެއްވަދޫން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 54އަށް އަރާފައެވެ.

ގއ. ވިލިނގިލިން އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ކުރިން ޕޮޒިޓިވްވި އެރަށުގައި ހުންނަ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ދާންދޫގެ ދަރިވަރާއި ރޫމް ޝެއަރކުރާ އެސްކޫލްގެ ދަރިވަރިވަރެވެ.

މީގެ އިތުރުން ދާންދޫން ޕޮޒިޓިވްވި މީހުންނާއި ޑައިރެކްޓް ކޮންޓެކްޓުވި މީހަކު ހުޅުމާލޭގައި ހުރުމުން އޭނާގެ ސާމްޕަލް ނަގައި ޓެސްޓުކުރިއިރު ޕޮޒިޓިވްވެފައިވާކަން ދާންދޫ ކައުންސިލުންވަނީ ވިދާޅުވެފައެވެ. ދާންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިސްމާއީލް ވިދާުޅުވީ އެރަށުގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުވި މީހުން ހޯމް ކަރަންޓީންގައި އެބަތިބިކަމަށެވެ. އަދި އެމީހުންގެ އިތުރުން ރަށުގެ އެކި ތަންތަނުން 143 ރެންޑަމް ސާމްޕަލް ނަގަން ނިންމައި މިއަދު އެމަސައްކަތް ފަށާފައިވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ދާންދޫ ކައުންސިލްގެ ރައީސް ވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ތިބި މީހުން ވީހާވެސް އެހެންމީހުންނާއި ބައްދަލުވުން ކުޑަކޮށް ކޮންޓެކްޓް ބަބުލް މަދުކުރުމަށް އިލްތިމާސްކުރައްވާފައެވެ.