ޚަބަރު

ކޯވިޑް-19 : "ކޮވިޝީލްޑް" ވެކްސިން ޖަހަން ހުއްދަދީފި


އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ ދީފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ ހުއްދަ ދީފައިވަނީ މިޙާލަތަށް ރިޔާއަތް ކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން."ގައި ބޭނުން ކުރުމަށް ކަމަށެވެ. އަދި މި ވެކްސިން ހޯދުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު ފަންނީ ލަފާދޭ ނޭޝަނަލް ފާމަރސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއާއި ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކުޔުންތައް ދިރާސާކިށްފައިވާކަމަށެވެ. އަދި އެ ދިރާސާއިން ބެލިބެލުމުން މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން، އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ. އެހެންކަމުން ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި މި ހުރިހާ ކަމަކަށް ރިޔާއަތްކޮށްފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

އެމްއެފްޑީއޭއިން ހުއްދަ ދީފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޯށްފައި ނުވެއެވެ.

އާއްމު ގޮތެއްގައި ކޮންމެ ވެކްސިނަކީވެސް އެ ވެކްސިނެއް ބޭނުންކުރުމުގެ ސަބަބަން ކޮންމެވެސް ވަރެއްގެ "ރިއެކްޝަން"އެއް އައުމުގެ ފުރުޞަތު އޮތް އެއްޗެކެވެ. އެހެންކަމުން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނިޓަރ ކުރަމުންގެންދާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.

މި ވެކްސިނަކީ ރާއްޖޭގައި ކޯވިޑް 19 ގެ ބަކިމަޑުކަމުގެ މިހާލަތުގައި ރާއްޖޭގައި ބެނުންކުރުމުގެ ހުއްދަ ދީފައިވާ ފުރަތަމަ ވެކްސިނެވެ. ދުނިޔޭގެ ސިއްޙަތު ކަމިއްޔާއާއި ބައިނަލްއަޤްވާމީ އުޞޫލްތަކުގެ ދަށުން ހެލްތް އެމަރޖެންސީ ހާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރާޢްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޔާއަތްކޮށްފައިވާކަމަށް އެމްއެފްޑީއޢިން ވިދާޅުވެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިންގެ 100000 ޑޯޒް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތުދެއްވާ ގޮތުގައި ރާއްޖެ ގެނައި ވެކްސިން، ރާއްޖޭގެ އާބާދީގެ 50 ހާސް މީހުންނަށް ޖެހޭނެއެވެ.

"ކޮވިޝީލްޑް" އަކީ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅުގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިން، އެސް.އައި.އައި އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑް ނަމަކެވެ. އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިނަކީ އިނގިރޭސިވިލާތުގެ ބްރިޓީސް މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީން މިދިޔަ އހަރުގެ ޑިސެމްބަރު މަހުގެ 30ވަނަ ދުވަހު ހުއްދަ ދޫކޮށްފައިވާ ވެކްސިނެކެވެ.