ޚަބަރު

ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް 4 ހަފްތާ ފަހުން


މިއަހަރު ފެށުނީއްސުރެން ފެށިގެން ކޯވިޑް-19އިގެ ކޭސްތައް ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ކޯވިޑް ބަލި ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 100 އިން މަތީގައެވެ. ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ކުރިން ލުއިދީފައި ހުރި ބައެއްކަންކަމަށް ބަދަލުގެނެސް ފިޔަވަޅުތައް މިވަނީ މިހާރު އަނެއްކާވެސް ހަރުދަނާ ކޮށްފައެވެ. ކޭސްތައް އިތުރުވަމުންދާ މިދަނޑިވަޅުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިވަނީ މިމަހު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި "ކޮވިޝީލްޑް"ވެކްސިން ޖެހުމުގެ ވަގުތީ ހުއްދަވެސް ދީފައެވެ. މި ހުއްދައިގެ ދަށުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވެކްސިން ޖެހުމުގެ ކުރިން ވެކްސިން ޖަހާ މީހުންނާއި ވެކްސިން ޖަހައިދޭ ސިއްޙީ އެހީތެރިންނަށް އެކަމުގެ މަޢުލޫމާތު އެނގުމަކީ މުހިއްމުކަމެކެވެ. ވެކްސިން ޖެހުމަށް ތައްޔާރުވުމުގެ ގޮތުން ސިއްޙީ ޚިދުމަތްތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް މިހާރުވެސް އަންނަނީ ކުރަމުންނެވެ. ޑރ.އަޙްމަދު ފައިސަލް ހާމަކުރެއްވިގޮތުގައި "ކޮވިޝީލްޑް"ވެކްސިންގެ 0.5 އެމްއެލް ގެ ދެ ޑޯޒް ޖަހަން ޖެހެނީ އަތުގެ މަސްގަނޑަށެވެ. އަދި ފުރަތަމަ ޑޯޒްއަށް ފަހު ދެވަނަ ޑޯޒް ޖަހަން ޖެހެނީ 4 ހަފްތާއަށް ފަހު ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި މި ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެން ނަމަވެސް މާބަނޑު އަންހެނުންނާއި ކިރުދޭ މައިންނާއި ބައެއް ތަކެއްޗަށް އެލާޖިކްވާ މީހުން އިސްތިސްނާވެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ހަވާލާދީ ޑރ.ފައިސަލް ވިދާޅުވީ ދިރާސާތަކުގައި ކިރުދޭމައިން ހިމެނިފައިނުވާތީ އެވަރަކަށް އެކަމުގެ ތަފާސްހިސާބުތައް ނެތްކަމަށެވެ. ޑރ.ފައިސަލް ވިދާޅުވީ ކިރުދޭމައިންނަށް ކޯވިޑުގެ ވެކްސިން ނުދެވޭނެ ކަމަކަށް ނުފެންނަ ކަމަށާއި، ކިރުދޭމައިންނަށް އިތުރު ނުރައްކަލެއްނެތިއްޔާ ވެކްސިންދިނުމުގައި އަވަސްވާކަށްވެސް ނުފެންނަކަމަށެވެ.

ފައިސަލް ވިދާޅުވީ ކޯވިޑުގެ ވެކްސިން ދޭންވާނީ އެވެކްސިންގެ ސަބަބުން އަތުވެދާނެ އެލަރޖިކްއަކަށް ފަރުވާދެވޭނެ ތަނެއްގައިކަމަށެވެ. އަދި ވެކްސިންޖެހުމަށްފަހު އެތަނުގައި މަދުވެގެން 15 މިނިޓްވަންދެން މަޑުކުރަންޖެހޭނެއެވެ. އެލާޖިކެއްހުންނަ މީހެއްނަމަ 30 މިނެޓު މަޑުކުރަންޖެހޭނެކަމަށް ފައިސަލް ވިދާޅުވިއެވެ. ވެކްސިން ދިނުމުގައި ޕްރިއޮރިޓީ ގުރޫޕްގައިނެތް މީހަކު އެހެންގައުމަކަށް ދަތުރުކުރިޔަސް ކޯވިޑު ވެކްސިން ޖަހަންޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ނިންމާފައި ނުވާކަން ހާމަކޮށް ފައިސަލް ވިދާޅުވީ ވެކްސިން އެންމެ މުހިންމު ގުރޫޕްތަކަށްޖަހާ ނިމުނީމާ އެކަމާ އުޅޭނީ ކަމަށެވެ.


ކޯވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިގޮތަށް ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަހާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާޢީ ނިޒާމު މަސައްކަތްކުރާ ކަމުގެ އަލާމާތްތަކެއްކަންވެސް އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ. ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި ހުން އައުމާއި ވަރުބަލިވުމާއި ބޮލުގައި ރިއްސުން އަދި އިންޖެކްޝަން ޖަހާތަނަށް ތަދުވުން ނުވަތަ ދުޅަވުން ހިމެނެއެވެ.

ވެކްސިން ދިނުމުގައި އިސްކަންދޭ ތަރުތީބު 3 ބަޔަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނާއި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ ދީފައިވަނީ މިޙާލަތަށް ރިޢާޔަތް ކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން."ގައި ބޭނުން ކުރުމަށެވެ. އަދި މި ވެކްސިން ހޯދުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު ފަންނީ ލަފާދޭ ނޭޝަނަލް ފާމަރސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށް އެއޮތޯރިޓީން މަޢުލޫމާތުދެއްވައެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯރޑް-އެސްޓްރަޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއާއި ގުޅޭގޮތުން އެކި ޤައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށްފައިވާކަމަށެވެ. އަދި އެ ދިރާސާއިން ބެލިބެލުމުން މި ދެ ވެކްސިނަކީ އެއް "ކޮމްޕޮޒިޝަން، އަދި "ފޯމިއުލޭޝަން" އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ. އެހެންކަމުން ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.