ޚަބަރު

ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ފުވައްމުލަކު ސިޓީން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިފަހަރުވެސް އެ ސިޓީން ކޯވިޑަށް ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީންގައި ތިބި ދެމީހުންނެވެ. މިހާތަނަށް ފުވައްމުލަކު ސިޓީން ހޯމް ކަރަންޓީން ފުރިހަމަކުރި 5 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ފުވައްމުލަކު ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން "ހައި ރިސްކު" 2 މީހަކު މިހާރު ވަނީ އިތުރު ފަރުވާ ދިނުމަށްޓަކައި ފުވައްމުލަކު ހޮސްޕިޓަލުގެ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. މި ދެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްކަން ހާމަވީ ރޭގެ ވަގުތެއްގައެވެ. އެއީ އެސިޓީގައި ހޯމް ކަރަންޓީނުގައި 10 ދުވަހު ތިބުމަށްފަހު މުއްދަތު ފުރިހަމަކޮށް މިދިޔަ ބުރާސްފަތި ދުވަހު ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި ދެ މީހުންނެވެ.

އެއީ ޢުމުރުން 70 އަހަރުގެ ފިރިހިނެކާއި ޢުމުރުން 61 އަހަރުގެ އަންހެނެކެވެ. ފުވައްލަކު ސިޓީގައި މިފަދަ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުންދާނީ އެ ސިޓީގެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޯވިޑް-19އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް މާލޭގެ އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ "ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމު" ގުޅިގެންނެވެ.

އިތުރު ދެ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ފުވައްމުލަކުގެ ހޮސްޕިޓަލާއި އެސީޓީގެ އެހެނިހެން ތަންތަނުގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް އަދި އެ ސިޓީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެއް ނުވެއެވެ.

ހޮސްޕިޓަލުން ވިދާޅުވީ މިވަގުތު އެހޮސްޕިޓަލުގެ ކޯވިޑް އައި.ސީ.ޔޫގައި ބަލިމީހުން އެޑްމިޓް ކޮށްފައިވާތީ، ޕިޒިއޮތެރަޕީގެ ޚިދުމަތް ހޯއްދަން ދާމީހުން ވަދެނިކުތުމުގައި ބޭނުންކުރާނީ ފިޒިއޮތެރަޕީ ޔުނިޓުގެ ނަންބޯޑު ކައިރީގައި ހުރި ދޮރުކަމަށެވެ. ކުރިން ބޭނުންކުރަމުން އައި ދޮރު މިހާރުވާނީ ޢާއްމުންނަށް ވަގުތީގޮތުން ބަންދުކޮށްފައެވެ. ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ކޯވިޑް އައިސީޔޫގައި ފަރުވާދެމުން މިދަނީ އަދި މުޅިން އަލަށެވެ.

ކޯވިޑް-19އިގެ ބަލިމަޑުކަމުން ރައްކާތެރިވުމުގައި މިހާރަށްވުރެ އިތުރަށް ފަރުވާތެރިވުމަށް ފުވައްމުލައް ސިޓީ ހޮސްޕިޓަލުން އެސިޓީގެ ރައްޔިތުންނަށް އިލްތިމާސްކުރައްވައެވެ. އެގޮތުން ގައިދުރުކަން ބަހައްޓުމަށާއި މީހުން އެއްވާ ތަންތަނުގައި އުޅޭއިރު މާސްކް އެޅައިގެން އުޅުމާށާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެހޮސްޕިޓަލުން އިލްތިމާސް ކުރައްވައެވެ.