ވިޔަފާރި

މިދިޔަމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާއަށްވުރެ އިތުރު


މިދިޔަމަސް ނިމުނުއިރު ރާއްޖެއަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

މިދިޔަމަސް ނިމުނުއިރު ރާއްޖެއަށް 92000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ޖަނަވަރީ މަހު ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 92103 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރީ ޖަނަވަރީމަހު ރާއްޖެއަށް 90000 ފަތުރުވެރިން އަންނާނެކަމަށެވެ. އެހެންކަމުން މަސް ނިމުނުއިރު މިނިސްޓްރީން އަންދާޒާކުރި އަދަދަށްވުރެ ގިނައިން ރާއްޖެއަށް ވަނީ ފަތުރުވެރިން އައިސްފައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައިވަނީ 173874 ފަތުރުވެރިންނެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖަނަވަރީ މަހާއި އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %47 ދަށްވެފައެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

  • ރަޝިއާ: 20،973
  • އިންޑިއާ: 19،135
  • ޔޫކްރެއިން: 7،210
  • ކަޒަކިސްތާން: 4،434
  • ރޯމޭނިއާ: 3،921
  • ފްރާންސް: 3،728
  • ޖަރުމަނުވިލާތް: 3،390
  • އިނގިރޭސިވިލާތް: 2،504
  • ޔޫ.އެސް.އޭ: 1،960
  • ސްވިޒަލޭންޑް: 1،958

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދޭ 614 ތަނެއް ހުޅުވައި އަލުން ޙިދުމަތްދޭން ވަނީ ފަށާފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ސަފާރީތަކާއި ގެސްޓްހައުސްތައްވެސް ހިމެނެއެވެ. މިއާއިއެކު ފަތުރުވެރިންނަށް ޙިދުމަތްދޭ އެނދުގެ އަދަދު ވަނީ 43000 އަށްވުރެ އިތުރުވެފައެވެ.

ޓޫރިޒަމް މިިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555494 ފަތުރުވެރިންނެވެ. އަދި މިއަހަރު 1.5 މިލިއަން ފަތުުވެރިން ގެނައުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތްކުރައްވަމުންނެވެ.