ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިން ޖެހިމީހުންގެ ޢަދަދު 1500 އިން މައްޗަށް


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފިއެވެ.

އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ރާއްޖޭގައި މިހާތަނަށް 1،578 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 1،309 މީހަކާއި އަތޮޅުތަކުން ވެކްސިންދިން 269 މީހެކެވެ. މިއަދު އެކަނިވެސް 742 މީހަކަށް ރާއްޖޭގައި ވެކްސިން ދީފައިވެއެވެ. އޭގެ ތެރޭހައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ދިން 643 މީހަކާއި، އަތޮޅުތަކުން ވެކްސިން ދިން 99 މީހެކެވެ. މާލޭގައި 6 ތަނެއްގައި ވެކްސިން ދެމުން އަންނަ އިރު، އަތޮޅުތަކުގެ 3 ތަނެއްގައި ވެކްސިން ދެމުން ގެންދެއެވެ.

ރާއްޖޭގައި ރަސްމީކޮށް ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ. ރާއްޖެ މިވަގުތު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި އޮތުމުގެ ސަބަބުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އަދި ވެކްސިން ދެމުންގެންދާނީ ވެކްސިން ޖެހުމަށް ޚާއްސަ "މައިހެލްތު އެމްވީ" ޕޯޓަލްގައި ރަޖިސްޓްރީވަމުންދާ ފަރާތްތަކަށްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އަލަށް ދެމުންދާ ވެކްސިނެއްކަމަށްވުމުން ވެކްސިންޖެހުމަށް ރަޖިސްޓަރވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އެޗްއޯސީން ވިދާޅުވެއެވެ. ސަބަބަކީ ވެކްސިންދޭ މީހާގެ ހެލްތު ރިކޯޑުތަކާއި ސިއްޙީ ޙާލަތު ހުރިގޮތް ދެނެގަތުމާއި އެންމެން އެއްތަނަކަށް އެއްނުކޮށް ވީހާވެސް ބޮޑަކަށް ގައިދުރުވާނެހެން ވެކްސިންޖެހޭނެ ފުރުސަތު ހޯދަންޖެހޭކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނެތް މީހުންނަށެވެ. އަދި ޕޮޒިޓިވްވެ ނުވަތަ ކަރަންޓީނުގައި ހުރި ފަރާތްތަކަށްވެސް، ބަލިން ރަނގަޅުވުމުން ނުވަތަ ކަރަންޓީނުން ދޫކޮށްލުމުން ވެކްސިން ދެމުންގެންދާނެކަމަށް ހެލްތު އެމަރޖެންސީ ސެންޓަރުން ވިދާޅުވެއެވެ.

ވެކްސިންދިނުމަށް ވެކްސިންދޭ ސެންޓަރަކުން ގުޅުމުން ވެކްސިންޖެހުމަށް ފަސޭހަ ހެދުމެއްގައި ދިޔުމަކީ މުހިއްމުކަމެކެވެ. އަދި ވެކްސިން ޖަހަންދާއިރު އެހީތެރިންގެ ގޮތުގައި އެކަކަށްވުރެ ގިނަ މީހުން ނުގެންދިޔުމަކީވެސް ރައްކާތެރިކަމަށްޓަކާ ކުރަންޖެހޭކަމެކެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19ގެ ވެކްސިންގެ ސަބަބުން ދިފާއި ނިޒާމު ފުރިހަމައަށް ބައްޔާ ދެކޮޅަށް މަސައްކަތްކުރާނީ ދެ ޑޯޒަށް ފަހުންނެވެ. އެހެންކަމުން ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެއެވެ. ވެކެސިންގެ ދެވަނަ ޑޯޒްދޭނީ ފުރަތަމަ ވެކްސިނަށްފަހު ހަތަރު ހަފްތާފަހުންކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއެވެ. އެހެންނަމަވެސް ދެ ވަނަ ޑޯޒް ޖެހުން ލަސްކުރި ނަމަވެސް އެންމެ ލަސްކުރެވޭނީ 12 ހަފްތާ ވަންދެންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.