ޚަބަރު

މާލެ ސަރަޙައްދުގައި މިއަހަރު 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެ - ރައީސް


މިއަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގައި މަދުވެގެން 5000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ބޯހިޔާވަހި ކަމަށް ޙައްލެއް ހޯދުމަށް ރޭވި މަޝްރޫޢުތައް ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށްފަހު، އެމަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ. މީގެ އިތުރުން ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފްތާގައި ސޮއިކޮށްފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފަށާނެކަމަށާއި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓްތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުންވެސް ތަނަވަސް އަދި ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ފަށާނެކަމަށެވެ. އަދި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭން ކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މިއަންނަނީ މަސައްކަތް ކުރަމުން. ޅ.ނައިފަރާއި ބ.ތުޅާދޫ އަދި ތ.ތިމަރަފުށީގައި މިސަރުކާރުން ހަދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް އެބަދޭ. އަދި މ.ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް މިއަންނަނީ ތައްޔާރުވަމުން. މިއިން ކޮންމެ ރަށެއްގައި ވެސް 100 ހައުސިން ޔުނިޓް ހަދާނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރާޢްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ އަކީ ބޮޑު މައްސަލައެކެވެ. މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުވައިދިނުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. ބޯހިޔާވަހިކަމުގެ ދަތިކަމަކީ އިޖްތިމާޢީ އަދި އިޤްތިޞާދީ ގިނަ މައްސަލަތަކެއްގެ އަސްލު ކަމަށްވާތީ، މިއީ މިހާރުން މިހާރަށް ވެސް ޙައްލުކުރަންޖެހިފައިވާ މައްސަލައެއްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ވިހި ހާސް ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ފަސް އަހަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާ ކުޑަ ރޭޓެއްގައި ލިބޭނެ ގޮތްތަކާއި ފަހަށް ރައްކާކުރުމުގެ އުސޫލެއްގެ ތެރެއިން ހޯދެން ހުރި ޙައްލުތަކުންނާއި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ގެދޮރުގެ ދަތިތަކަށް ޙައްލު ގެނައުންވެސް މި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައެވެ.