ޚަބަރު

ރަށުތެރެއިން 2 މީހުން ޕޮޒިޓިވްވެ، ހިތަދޫވެސް މޮނިޓަރިންއަށް


ރަށުތެރެއިން 2 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެ އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިންގެ ޙާލަތަށް ލައިފިއެވެ.

ހިތަދޫއިން ކޯވިޑްއަށް ޕޮޒިޓިވްވެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި 2 މީހުންނެވެ. މި ދެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ހިތަދޫ މޮނިޓަރިންގެ ޙާލަތަށްލާފައިވާއިރު، ކޯވިޑް ކޭސްތަކާއި ގުޅިގެން މުޅި އައްޑޫ ސިޓީ އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

ނިމުނު ބުރާސްފަތި ދުވަހު އައްޑޫ ހުޅުމީދޫއިން ބަޔަކު ޕޮޒިޓިވްވެ އެރަށްވެސް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ ބިދޭސީންތަކެކެވެ. މަޢުލޫމާތުލިބޭ ގޮތުގައި އެ ސައިޓުގައި މަސައްކަތްކުރާ 24 ބިދޭސީއަކު މިހާތަނަށް ވަނީ ކޯވިޑް19އަށް ޕޮޒިޓިވްފައެވެ. މި ކްލަސްޓަރގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. މި ސައިޓްގައި 60 ބިދޭސީން މަސައްކަތް ކުރަމުންދެއެވެ.

ފަހަކަށް އައިސް ކަރަންޓީންގައި ތިބޭ މީހުން ނޫން މީހުން އަތޮޅުތަކުން ކޯވިޑް19އަށް ޕޮޒިޓިވްވަމުންދާކަން ވަނީ ފާހަގަވެފައެވެ. އެގޮތުން މިހާރުވެސް އައްޑޫ ސިޓީ ހުޅުމީދޫއާއި ހިތަދޫގެ އިތުރުން، 4 ރަށެއް އޮތީ މޮނިޓަރިންގައެވެ.

އެޗްޕީއޭއިން މަޢުލޫމާތުދޭ ގޮތުގައި މިހާތަނަށް ރާއްޖޭގެ 41 ރަށަކުން ކޯވިޑް 19ގެ އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. މީގެތެރޭގައި ބޮޑެތި ކްލަސްޓަރތައް އުފެދުނު ރަށްތައްވެސް ހިމެނެއެވެ.