ޚަބަރު

ކޯވިޑް-19، ދިފާޢު: ވެކްސިން ދިން ޢަދަދު 25000އިން މައްޗަށް


ރާއްޖޭގައި ކޯވިޑް-19އިން ދިފާޢު ވުމަށް ދޭ ވެކްސިން ޖެހި މީހުންގެ ޢަދަދު 25،000އިން މައްޗަށް އަރައިފިއެވެ. އަތޮޅުތަކުން ވެކްސިންދޭ ސެންޓަރުގެ ޢަދަދުވެސް މިހާރުވަނީ 55އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24ގަޑިއިރު މާލެއާ އަތޮޅުތަކުން ޖުމްލަ 5166މީހުންވަނީ ވެކްސިން ޖަހާފައެވެ. މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 25،327އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 4257މީހުންނެވެ. މާލެ ސަރަޙައްދުން މިހާތަނަށް ޖުމްލަ 20960 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން 909 މީހަކަށް ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވާއިރު، އަތޮޅުތަކުން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 4367 އަކަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް ދިފާއު ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ދިނުމުގެ މަސައްކަތް މާލޭ ސަރަޙައްދުގެ 7 ސެންޓަރަކާއި، އަތޮޅުތަކުގެ 55 ސެންޓަރެއްގައި ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާރު ދެމުންދަނީ އޮކްސްފޯޑާ އެސްޓްރާ ޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިންގެ 100،000ޑޯޒް ރާއްޖެއަށް ހަދިޔާކުރީ އިންޑިއާއިންނެވެ. ވެކްސިން ރާއްޖޭގައި ޖަހަންފެށީ ސިއްޙީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހުއެވެ. އަދި މިހާރުވަނީ ޑަބްލިއު އެޗްއޯގެ ހުއްދަވެސް މި ވެކްސިނަށް ލިބިފައެވެ.

މިހާރުވަނީ ޗައިނާގެ ސައިނޮފާމްގެ 5000 ވެކްސިން ޑޯޒްވެސް ރާއްޖެއަށް ލިބިގައެވެ.
ސަރުކާރުންދަނީ ރާއްޖެއަށް 7 ލައްކަ ވެކްސިން ޑޯޒް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 6 މަސްތެރޭ، ވެކްސިން ޖެހޭ އާބާދީއަށް ވެކްސިންދީ ނިންމުމެވެ.