މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 124000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 45.6 އިންސައްތަ ދަށްވެފައެވެ. ނަމަވެސް ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. ވަކިން ޙާއްސަކޮށް މިއަހަރު ފެށުމާއިއެކު ފަތުރުވެރިކަން ރަނގަޅުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ޖުމްލަ 124،753 ފަތުރުވެރިން ވަނީ އައިސްފައެވެ.
އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 27041 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއައި ފަތުރުވެރިންގެ 22.2 އިންސައްތައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 26،292 އެވެ. އަދި 3 ވަނައިގައި އުޅެނީ ޔޫކްރެއިންއެވެ. ޔޫކްރެއިނުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 8867 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ ޖަނަވަރީމަހު އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދުވާލަކަށް އުޅެނީ 2971 ގައެވެ. އަދި ފެބްރުއަރީ މަހުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަނީ 2968 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކޯވިޑްގެ ކުރިން އޮތް ހާލަތަށް މިއަހަރު ގެންދެވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އަމާޒުކަނޑައަޅާފައެވެ.