ބަދަލުތަކަކާއެކު ކަރަންޓީނު އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ގެސްޓްހައުސް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އަލުން އިއުލާންކޮށްފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 ޓޫރިސްޓު ގެސްޓުހައުސް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ބަދަލުތަކާއެކު މިނިސްޓްރީން ވަނީ އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ގެނައި ބަދަލުގައި ވަނީ ކޯވިޑް-19 އަށް ފައްސިވާ އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނާއި މުވައްޒަފުން އައިސޮލޭޓް އަދި ކަރަންޓީން ކުރުމަށް 2 ގެސްޓްހައުސް މާލެއިން ނުވަތަ ހުޅުމާލެއިން ހޯދުމަށް އިއުލާންކޮށްފައެވެ. މިތަންތަން ވާންވާނީ މަދުވެގެން 15 ކޮޓަރީގެ 2 ގެސްޓްހައުސްއަށްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޕްރޮޕޯސަލް ހުށަހަވާ ގެސްޓްހައުސްތަކުގެ ތެރެއިން 1 ގެސްޓްހައުސް ކޯވިޑް-19 އަށް ފައްސިވާ ކޭސްތައް އައިސޮލޭޓް ކުރުމަށް، އަދި 1 ގެސްޓްހައުސް ޑައިރެކްޓް ކޮންޓެކްޓްސް ކަރަންޓީންކުރުމުގެ ބޭނުމަށް ކަނޑައަޅާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ގެސްޓްހައުސް ކަނޑައަޅާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިންސްޕެކްޝަންއަށް ފަހުގައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންނަމަ 25 ފެބުރުއަރީގެ ކުރިން މިނިސްޓްރީގެ ނަންބަރަށް ގުޅައިގެން ނުވަތަ އީ-މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.