ޚަބަރު

ޑިންގީން ފެނުނު މީހާއާއި ފަޅުރަށެއްގައި މަރުވެފައި އޮއްވާ ފެނުނު މީހަކީ ލަންކާއިން މަހަށް ނުކުތް ބައެއް


ވ. އަންބާރާ ކައިރިން ފެނުނު ޑިންގީގަހު ހުރި މީހާއާއި ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މިދިޔަ މަހުގެ ސްރީލަންކާއިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބެހިގެން ރާއްޖެއާ ހަމައަށް އައިބައެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ވ. އަތޮޅު ފަޅު ރަށެއްގައި މަރާލާފައި އޮއްވައި ފެނުނު ބިދޭސީއެއްގެ ހަށިގަނޑަކީ ވ.އަންބާރާ ބޭރުން އޮޔާދިޔަ ޑިންގިއާ ގުޅުންހުރި މީހެއްކަމަށް ފުލުހުން ވިދާޅުވެފައިވާއިރު މިކަމާގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރައްވަވަމުން ފުލުހުން ވިދާޅުވީ، ޑިންގީގައި ހުއްޓާ ފެނުނު މީހާއާއި މަރުވެފައި އޮއްވާ ފަޅުރަށަކުން އިއްޔެ ފެނުނު ދެމީހުންނަކީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހު ލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ވ. އަތޮޅާހަމައަށް އައިބައެއްކަމަށް އެނގިފައިވާކަމަށެވެ.

އަދި މިމައްސަލާގައި އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތު ކަމާއިގުޅުންހުރި ރަސްމީ ޢިދާރާތައް މެދުވެރިކޮށް ހޯދަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ބޮޑެތި އަނިޔާތަކާއެކު ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް ބިދޭސީ މީހާ ފެމިނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ވ. އަންބާރާ ކައިރިން ފެނިގެން ކޯސްޓްގާރޑްގެ ބެލުމުގެ ދަށަށް ގެނައި ޑިންގީއާއި އޭގައިހުރި މީހާ ވ. ފުލިދޫއަށް ފުލުހުންނާއި ހަވާލުކޮށްފައިވާއިރު އެމައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.