ޚަބަރު

ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ގޯސްކޮށްކަމަށް ސުޕްރީމް ކޯޓުންވެސް ކަނޑައަޅައިފި


ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލްކުރުމަށް ހައިކޯޓުން ކުރި ޙުކުމަށް ސުޕުރީމް ކޯޓުން ތާޢީދުކޮށްފިއެވެ.

އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް ކްރިމިނަލް ކޯޓުގަައި އެދިވަޑައިގަތުމުން އެ ޙުއްދަ ނުދިނުމަށް އެ ކޯޓުން ނިންމިއެވެ. އަދި ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ދައުލަތުގެ އެދުމުގެ މަތިން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެހެން ނަމަވެސް ޖިހާދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

މިމައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިޢުނާފުކުރުމުން މައްސަލަ ބެލުމަށްފަހު މިއަދުކުރި ޙުކުމްގައި ވަނީ މިމައްސަލާގައި ހައިކޯޓުގެ ޤަޟިއްޔާ ތަޠުބީޤުކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށް ކަނޑައަޅާނެ ޤާނޫނީ ހަމައެއް ނެތްކަމުގައި ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް، ސުޕްރީމް ކޯޓުގައި މި މައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފައެވެ.

މި ޙުކުމުގައި ވަނީ ޖިނާޢީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުން ހުއްދަވަނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި މީހަކު ރާއްޖެއިން ބޭރަށް ދާ ދިއުމަކީ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ހާލަތެއް ނޫންކަމަށެވެ. އަދި ޖިހާދަކީ ދަޢުލަތުގެ އިސް މަގާމުތަކެއް އަދާކޮށްފައިވާ ބޭފުޅަކަށް ވާއިރު ފިއްލަވައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލްކަން އޭނާއަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނިނަމަވެސް، އެއީ ޖިހާދު ފިއްލަވާފާނެ ކަމަށް ބެލެވޭ ސަބަބެއް ނޫން ކަމަށް ސުޕްރީމްކޯޓުގެ ޙުކުމުގައިވެއެވެ،

މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނު ނާއިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާތީ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެފައިވެއެވެ. މިއީ ޕްރެޒިޑެންޝަން ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއިން ތަޙްޤީޤުކޮށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލައެކެވެ.