ޚަބަރު

ޑރ. ޒަހާ ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ


ސްރީލަންކާގެ ޔުނިވަރސިޓީއަކުން ހިންގި އެމް.ބީ.ބީ.އެސް ޕްރޮގްރާމްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ދިވެހި ދަރިވަރު، ޑރ. އާމިނަތު ޒަހާ ޒުހައިރަށް ރައީސުލްޖުމްހޫރިއްޔާ މަރުހަބާ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ޑރ.އާމިނަތު ޒަހާ ޒުހައިރު ވަނީ ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ އެމް.ބީ.ބީ.އެސް މުޅި މެޑިކަލް ޕްރޮގްރާމުން 3 ދާއިރާއަކުން މުޅި ޔުނިވަރސިޓީން އެއްވަނަވެސް ޙާސިލުކޮށްފައެވެ. މިމަޤާމު ޙާޞިލްކުރުމާއެކު ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އަތްޕުޅުން ޑރ.އާމިނަތު ޒަހާއަށް ވަނީ ރަން މެޑަލް ދެއްވާފައެވެ.

މިކަމާއި ގުޅިގެން މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑރ. އާމިނަތު ޒަހާ ހޯދި އާދަޔާ ޚިލާފު ކާމިޔާބީއަކީ މުޅި ރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއްކަމަށާއި، ޑރ. އާމިނަތު ޒަހާއަށް އުޖާލާ މުސްތަޤުބަލަކަށް އެދިވަޑައިގެންނަވާކަމަށެވެ.

ސްރީލަންކާގެ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ 2020 ވަނަ އަހަރުގެ އެމްބީބީއެސް ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން ޑރ.އާމިނަތު ޒަހާ ޒުހައިރު ހޯދި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު އެ ޔުނިވަރސިޓީންވެސް އަދި ސްރީލަންކާގެ ތަޢުލީމީ މުއައްސަސާއަކުންވެސް ހޯދި އެންމެ މަތީ ޝަރަފެވެ. އަދި މިއީ ކޮތެލަވާލެ ޑިފެންސް ޔުނިވަރސިޓީގެ މިފަދަ ޝަރަފެއް ސްރީ ލަންކާއިން ބޭރު ޤައުމެއްގެ ދަރިވަރަކު ހޯދި ފުރަތަމަ ފަހަރުވެސްމެއެވެ.