ޚަބަރު

މަގުމަތީގައި އެއްވުން ބާއްވާނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން ފިޔަވަޅުއަޅާނެ: ޕޮލިސް


ކުރިއަށް އޮތްތަނުގައި މާލޭގެ މަގުމަތީގައި އެއްވުންތައް ބާއްވާނަމަ ބާރުގެ ބޭނުންކޮށްގެން ވަގުތުން ޤާނޫނީ ފިޔަވަޅު އަޅަމުންގެންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިދުވަސްވަރަކީ ކޯވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ދުވަސްވަރަކަށްވާތީ މާލޭ މަގުމަތީގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއްކަމަށެވެ. ނަމަވެސް ޕީޕީއެމްއާއި ޕީއެންސީން މާލޭގެ މަގުމަތީގައި މުޒާހަރާތައް ބާއްވަމުންދާއިރު، އެއީ އެންމެންގެ ރައްކަލަކަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އަދި ކަމާގުޅޭ ޤާނޫނުތަކާއި ޚިލާފަށް ބާއްވާ އެއްވުންތަކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމް ޕީއެންސީން ހިންގަމުންދާ ހަރަކާތްތަކާއި ގުޅިގެން އެޕާޓީތަކުގެ ވެރިންނާއި ބައްދަލުކޮށް އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެކަމަށާއި، އަދި އެފަރާތްތަކުން ހިންގާ ސިޔާސީ ކަންކަން ފުލުހުން ބަލަމުންދާކަން އިލެކްޝަންސް ކޮމިޝަނަށްވެސް ހިއްސާކުރަމުންގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ހުއްދައަކާއި ނުލައި މާލެ ސަރަހައްދުގައި އެއްވެއުޅުން ޤާނޫނުން މަނާކޮށްފައިވާއިރު އެއާއި ޚިލާފަށް ބައެއް ފަރާތްތަކުން ތަކުރާރުކޮށް މަގުމައްޗަށް ނުކުމެ ސިޔާސީ ހަރަކާތްތައް ހިންގާކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

"މިކަންކަން މިގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާއިރުވެސް އެގޮތަށް އަމަލުނުކުރާތީ ކުރިއަށް އޮތްތަނުގައި އެއްވުންތައް ބާއްވަމުންދާނަމަ އެއަމަލަކީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކުރާ ޤާނޫނު ހިންގުމަށް ހުރަސްއެޅުން ނުވަތަ ދަޢުލަތް ހިންގުމަށް ހުރަސްއެޅުންފަދަ ޢާމަލަކަށްވާތީ ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ" ޗީފް ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

މިފަދަ އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކުންވެސް މިއީ ޤާނޫނާއި ޚިލާފަށް އަދި އެޗްޕީީއޭގެ ގައިޑްލައިންތަކާއި ކަނޑައެޅިގެން ޚިލާފަށް ކުރިއަށްގެންދާ އެއްވުންތަކަކަށްވުމުން އެފަދަކަންކަމުގައި ބައިވެރިނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަގުތަކާއި އެނޫންވެސް ތަންތަނަށް އެއްވާނަމަ ތިމާއާއި ތިމާގެ އާއިލާއަށްވެސް ސިއްޙީގޮތުން ނުރައްކާހުރިކަން ދެނެގަނެ އެކަންކަމުން ދުރުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން މިފަދަ އެއްވުންތަކާއި ގުޅިގެން މަގުމަތި އަމާންކުރުމަށް ނިކުންނަނީވެސް ފުލުހުންކަމަށްވާއިރު މިފަދަ އެއްވުންތަކުގެ ސަބަބުން ފުލުހުންވެސް ނުރައްކަލަށް ހުށައެޅޭކަމަށާއި އަދި އެފަދަ ނުރައްކަލަށް ފުލުހުން ހުށައެޅުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޢަބްދުﷲ މައުމޫން

މިފަދަ ނާޒުކު ދުވަސްވަރެއްގައި މަގުތަކަށް އެއްވެ މުޒާހަރާ ކުރުމަކީ ގަބޫލުކުރެވޭނޭ ކަމެއްނޫން. ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުގެ އެންގުންތަކަށް ޢަމަލުނުގޮށް މިދުވަސްވަރު މަގުތަކަށް އެއްވާ އެއްވުންތަށް އިންޒާރު ދިނުމެއްނެތި ވަގުތުން ރޫޅާލައި، އެފަދަ ނުކިޔަމަންތެރީންނާއިމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ.