ޚަބަރު

ވޯޓާސް ލިސްޓަށް 1700 އަށްވުރެ ގިނަ ޝަކުވާ


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް 1700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިޔަލަށް ވޯޓާސް ރަޖިސްޓްރީއަށް 1758 ޝަކުވާ ލިބިފައިވާކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 272480 (ދެލައްކަ ހަތްދިހަ ދެހާސް ހަތަރުސަތޭކަ އައްޑިހަ) މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވެއެވެ. މީގެތެރޭގައި ހިމެނެނީ 133181 (އެއްލައްކަ ތެއްތިރީސްހާސް އެއްސަތޭކަ އައްޑިހަ އެއް) އަންހެނުންނާއި، 139،299 (އެއްލައްކަ ތިރީސްނުވަހާސް ދުއިސައްތަ ނުވަދިހަ ނުވަ) ފިރިހެނުންނެވެ. ނަމަވެސް މިހާރު ހުށައަޅާފައިވާ ޝަކުވާތައް ބަލާ ނިމުމުން ޖުމްލަ ޢަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް ވިދާޅުވެފައެވެ. ޤާނޫނު ބުނާ ގޮތުން ވޯޓް ކަރުދާސް ޗާޕުކުރަން ޖެހޭނީ ވޯޓްލާން ޖެހޭ މީހުންގެ އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.

މި ފަހަރުގެ އިންތިޚާބުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އަދަދަކީ 51،449 އެކެވެ. އައްޑޫ ސިޓީން ވޯޓްލުމުގެ ހައްޤު ލިބިފައިވަނީ 25،055 މީހުންނަށެވެ. ފުވައްމުލަކު ސިޓީގެ ވޯޓާސް ލިސްޓުގައި 9177 މީހުން ހިމެނޭއިރު ކުޅުދުށްފުށީ ސިޓީގެ އަދަދަކީ 6825 މީހުންނެވެ. މީގެއިތުރުން ދެން ހުރި ހުރިހާ އތޮޅުތަކާއި ރަށްތަކުގެ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ޖުމްލަ އަދަދަކީ 1،79،924 ( އެއްލައްކަ ހަތްދިހަ ނުވަހާސް ނުވަސަތޭކަ ސައްވިސް ) އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި ވާ ގޮތުން އެންމެ ވޯޓް ފޮއްޓެއް ހުންނަ ކޮންމެ މަރުކަޒެއްގައި އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 9 އޮފިޝަލުން ހަރަކާތްތެރިވާންޖެހޭނެ ކަމަށެވެ. އަދި 2 ފޮށި ހުންނަ ކޮންމެ މަރުކަޒެއްގެގައި 14 އޮފިޝަލުން ތިބެންޖެހޭކަމަށްވެސް ކޮމިޝަނުން ވިދާޅުވިއެވެ. މި އަދަދުތަކާއި އެކު މިފަހަރުގެ އިންތިޙާބުގައި ވޯޓްލާ މަރުކަޒުތަކާއި ހަރަކާތްތެރިވުމާއި އެހެނިހެން ކަންކަމަށް ޖުމްލަ 8000 އޮފިޝަލުން ބޭނުންވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިފަހަރުގެ އިންތިޙާބުގައި ކައުންސިލް ތަކަށް ވޯޓްލާ މީހުންގެ ވޯޓް ފޮއްޓެއް ގުނަން ގާތްގަޑަކަށް 2 ގަޑިއިރާއި 47 މިނެޓް ހޭދަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކުރެއެވެ.