ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވަލުކުުރަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރ ޑރ.ޙުސައިން ރަޞީދު ހަސަނެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 6 މަސްދުވަހުން މަސައްކަތް ނިންމުމަށެވެ. އަދި މިމަސައްކަތަށް ސާޅީސް ތިން މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ފެށީ 2016ވަނަ އަހަރުގައެވެ. އަދި 2018ވަނަ އަހަރު ބައެއް ގެތަކަށް ވަނީ ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައެވެ. މިގޮތުން 2016ވަނަ އަހަރު ފެށި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެދަށުން 91 ކިލޯމީޓަރުގެ ހޮޅި ވަނީ އަޅާފައެވެ. އަދި އެންމެ ބޮޑު ސްވަރޭޖް ޓްރީޓްމަންޓް ސިސްޓަމެއްވެސް ވަނީ ބަހައްޓާފައެވެ.
ސާފު ފެން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 500ޓަނުގެ ތިން ފެން ޕްލާންޓާއި، 62 ކިލޯ މީޓަރުގެ ފެންހޮޅި ވެސް ވަޅުލިއެވެ. އެހެންމަމަވެސް މިއަދާ ހަމަޔަށް އައިރުވެސް މި ނިޒާމް ފޯރުކޮށްދިނުމުގައި ބައެއްކަހަލަ މައްސަލަތަކެއް ފޯރުކޮށްދެމުން އަންނަކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން މަޢުލޫމާތުދެއްވައެވެ. އަދި މިކަމުގެ ސަބަބުން އަދިވެސް ބައެއް ގެތަކުން މި ނިޒާމް ބޭނުން ނުކުރާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
ޖުމްލަ 297 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަށް ކުވައިތް ފަންޑްގެ ލޯނު އެހީގެ ގޮތުގައި 163 މިލިއަންރުފިޔާވަނީ ލިބިފައެވެ. އަދި ބާކީ 134 މިލިއަން ރުފިޔާ ޚަރަދު ކުރަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
މިއަހަރަށް މަޖިލިސް ހުޅުވާ ދެއްވަވާ އިއްވި ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިޔްޔާ ވަނީ ފެނާއި ނަރުދަމާ ނިޒާމަކީ، ރައްޔިތުންނަ ލިބެންޖެހޭ އަސާސީ ޙައްޤަކަށް ވިޔަސް، ރާއްޖޭގެ 70 އިންސައްތައަށްވުރެ ގިނަ ރަށުގައި ފެނާއި ނަރުދަމާ ނިޒާމެއް ނެތް ކަން ފާހަގަކުރައްވާފައެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށުގައި އެމަޝްރޫޢުތައް ފަށާފައިވާކަމަށެވެ. ރައީސް ވަނީ މިއަހަރު ނިމުމުގެ ކުރިން ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ރަށްތަކުގައި އެ މަސައްކަތް ފަށާ ނިންމުމަށް އަމާޒު ހިފާފައެވެ.