ޚަބަރު

8 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފި


8 ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސަރވިސް ކޮމިޝަން ޢިއުލާންކޮށްފިއެވެ.

ޖޭއެސްސީން ކުރި އިޢުލާނުކޮށްފައިވަނީ 5 ރަށެއްގެ ކޯޓުތަކަށް އިސް މެޖިސްޓްރޭޓުން ހޯދުމަށާއި، 3 ރަށެއްގެ ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށެވެ. މީގެތެރެއިން އިސް މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފައިވަނީ، ފ.ފީއަލީ، ގއ.ކޮލަމާފުށި، ގއ.މާމެންދޫ، ގދ.ފަރެސްމާތޮޑާ އަދި އައްޑޫސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފައިވަނީ ކ.މާފުށި، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

ޖޭއެސްސީން މެޖިސްޓްރޭޓުން ހޯދަން ޢިއުލާންކޮށްފައިވާ ރަށްރަށުގެ ތެރޭގައި މިހާރުވެސް އެކޮމިޝަނުން މައްސަލަތައް ބަލަމުންދާ މެޖިސްޓްރޭޓުން ނިސްބަތްވާ ރަށްތައްވެސް ހިމެނެއެވެ.

މެޖިސްޓްރޭޓުންގެ މަޤާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރުވުމާއި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު؛ ނުވަތަ ޤާނޫނާއި ޝަރީޢަތުގެ ރޮނގުން ދަށް ވެގެން ޑިޕްލޮމާ އޮންނަން ޖެހެއެވެ. މީގެއިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވާންޖެހެއެވެ. ޝަރުޢީ ކޯޓެއްގެ ލީގަލް މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށްވެސް މިމަޤާމަށް ކުރިމަތިލެވޭނެކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

މެޖިސްޓްރޭޓުންނަށް މުސާރައާއި އެލެވެންސްތައް ހިމެނޭހެން 23450 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ. އަދި އިސް މެޖިސްޓްރޭޓުންނަށް އެލަވަންސްތަކާއެކު މުސާރައިގެ ގޮތުގައި 25600 ރުފިޔާއާއި ޤާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މާޗް މަހުގެ 3 ވަނަ ވަނަދުވަހުގެ ނިޔަލަށް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އަދި މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ލިޔުންތައް ހުށައަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.