ޚަބަރު

ކެނޑިޑެސީ ބާޠިލުކޮށްފައިވާ މީހެއްގެ ނަން އަލުން ލިސްޓުގައި ހިމަން ސުޕްރީމް ކޯޓުން އަންގައިފި


ޝަރުޠު ފުރިހަމަނުވާކަމަށްބުނެ ކެނޑިޑޭޓުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ތ.ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ޙަސަން މޫސާގެ ނަން އެލިސްޓުން އުނިނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

ސާބިތު ދަރަންޏެއް އޮވެ، ޙުކުމާ އެއްގޮތަށް ފައިސާ ނުދައްކާކަމަށްބުނެ އޭނާގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ގުޅިގެން އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިމައްސަލާގައި އެ ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައިވަނީ ޙަސަން މޫސާގެ ކެންޑިޑެސީ ބާޠިލުކުރިކަން އޭނާއަށް އެންގީ، އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމައި އެކަން އެންގުމަށް، އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ 48 ގަޑިއިރު ފާއިތުވިފަހުން ކަމަށެވެ.

އެހެންކަމުން އެ އެންގުމަކީ ބާޠިލު އެންގުމެއް ކަމަށް ކަނޑައަޅައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020އަށް ޙަސަން މޫސާ ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަ ވެފައިވާކަން ނުވަތަ ނުވާކަމާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅާހިނދަކު، އޭނާގެ ނަން ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ލިސްޓުން އުނި ނުކުރުމަށްވެސް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމާފައެވެ.

ޕީޕީއެމް ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލީ ޙަސަން މޫސާގެ ކެންޑިޑެސީ ބާތިލުވުމުން، ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަ ކުރި އެމްޑީޕީގެ ކެންޑިޑޭޓު ވޯޓަކާއިނުލައި ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޮތީ އިއުލާންކޮށްފައެވެ.