ޚަބަރު

އިންތިޚާބުގެ ވޯޓުލުން 10 އެޕްރީލުގައި ބޭއްވުމަށް ކުރިވެންހުރި ހުރިހާ ތައްޔާރީތައް މިދަނީ ވަމުން - ޝަރީފް


އިންތިޚާބުގެ ވޯޓުލުން 10 އެޕްރީލުގައި ބޭއްވުމަށް ކުރިވެންހުރި ހުރިހާ ތައްޔާރީތައް ކުރައްވަމުން ގެންދަވާކަމަށް އިލެޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވީ ޚާއްސަ އިންޓަވިއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ޕެންޑަމިކްގެ ދުވަސްވަރަށް ވީނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވުމަށް ކޮމިޝަނުން މަސައްކަތްތައްވެސް އިތުރުކޮށްގެންކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްގެންދަނީ ވޯޓާސް ރަޖިސްޓްރީގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތްކަމަށާއި، އެގޮތުން އެލިސްޓަަށް މިހާރު ހުށައަޅާފައިވާ 1700އަށްވުރެ ގިނަ ޝަކުވާގެ ތެރޭގައި ގިނައީ ރަށްވެހިކަން ބަދަލުވެފައިވާ މީހުން ޝަކުވާއާއި ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައިހުރުމުގެ ޝަކުވާކަމަށެވެ. އެފަދަ މައްސަލަތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށައަޅައި އެކަން ހައްލުކުރުމުގެ މަސައްކަތްކުރިއަށްދާކަމަށް ޝަރީފު ވިދާޅުވިއެވެ.

އަދި އެޝަކުވާތަކުގެ މައްސަލަ ހައްލުކޮށް މިހަމުގެ 28ވަނަދުވަހު އެލިސްޓް އަނެއްކާވެސް އިއުލާނުކުރުމަށްފަހު 2މާޗްއިން ފެށިގެން 11 މާޗްގެ ނިޔަލަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

މިފަހަރު ރީރަޖިސްޓަރ ވާންޖެހޭނީ ކުރިން ކައުންސިލް އިންތިޚާބު ލަސްކުރިއިރު ރަޖިސްޓަރވިތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާނަމައެވެ.

މީގެއިތުރުން މެލޭޝިޔާއާ އިނގިރޭސި ވިލާތުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަން ސަރުކާރުން އަންގާފައިވާތީ އެދެ ޤައުމުގައި ވޯޓުފޮށި ނުބަހައްޓަން ކޮމިޝަނުން މިހާރު ނިންމާފައިވާތީ އެ ދެޤައުމުގައި ވޯޓުލާން ރަޖިސްޓަރ ކުރި މީހުންނާއި، ރިސޯޓްތަކުގައި ރަޖިސްޓްރަވީ އެންމެންވެސް ރީ ރަޖިސްޓަރވާންޖެހޭނެކަމަށް އީސީގެ ރައީސް ވިދާޅުވިއެވެ. އަދި މިފަހަރު އޮންލައިންކޮށްވެސް ރީރަޖިސްޓަރ ކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

"މިފަހަރު އަޅުގަގަނޑުމެން އޮންލައިންކޮށް ރީރަޖިސްޓަރ ވާންވެސް ހުޅުވާލާންން. އެފުރުސަތު ހުޅުވާލާއިރުވެސް ސުވާލު އުފެދިދާނެ މަކަރާއި ހީލަތްހެދިދާނެއޭ އެހެންމީހުންގެ ނަމުގައި ފޯމު ހުށައަޅައިގެން. އެފުރުސަތެއް ނުލިބޭނެ" ޝަރީފް ވިދާޅުވިއެވެ.

ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންނާއި ވޯޓަކާއި ނުލައި ހޮވުނު ކެނޑިޑޭޓުންގެ އިތުރުން އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމަލަ 3934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު 1670 ކެނޑިޑޭޓުންނެވެ.