ޚަބަރު

ސަލާމާތީބާރުން ރައްޔިތުންނަށް ރައްކާތެެރިކަން ކަށަވަރުކޮށްދޭނެ


ދިވެހިރާއްޖޭގެ އަމަންއަމާންކަމާ، ރާއްޖޭގެ އަމިއްލަވަންތަކަމާ
މިނިވަންކަމަށާ އަދި ދައުލަތުން ބަލަހައްޓަންޖެހޭ ހުރިހާ ފަރާތްތަކާ
ދިވެހިރައްޔިތުން، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަމުންދާނެކަމުގެ ފުރިހަމަ
ޔަޤީންކަން ރައްޔިތުންނަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ދެއްވައިފިއެވެ.



ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ މިހާރު
ހިނގަމުން ކަންތައްތަކަށް އިޝަރާތްކުރައްވާ މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ
މިހެން އަންނަ އެކިއެކި "ކޮޅިކޮޅި ގަނޑުގައި" ރައްޔިތުން ކަންބޮޑުވާންވީ
ކަމެއް ނެތްކަމަށާ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް
އަޅަމުންދާނެކަމަށެވެ.



ސަލާމަތީ ބާރުތަކުގެ ސަފުތަކުގެ މެދުގައި އެއްވެސް ހަމަނުޖެހުމެއް
އޮތްކަމަށްވާނަމަވެސް އެ ހަމަނުޖެހުމެއްވެސް މިހާރު ނައްތާލެވިފައިވާކަމަށް މިނިސްޓަރ
އުމަރު ނަޞީރު ވިދާޅުވިއެވެ.



"އޭގެ ތެރޭގައި ތިބި ކަމުނުދާ މީހުން މިހާރު ތިބޭނީ ސަސްޕެންޑް
ކުރެވިފައި، ބައެއް މީހުން ވަޒީފާއިން ވަކިކުރެވިފައި،އަނެއްބައި މީހުން
ހައްޔަރުކުރެވިފައި" އުމަރު ނަޞީރު ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ މިހާރު ދިވެހި ސަލާމަތީ ބާރުތަކުގެ ސަފުތަކަކީ ވަރަށް
ފުރިހަމައަށް ވަރަށް ބަދަހި ސަފުތަކެއްގެ ގޮތުގައި އޮތް ސަފުތަކެއްކަމުގައެވެ.