ޚަބަރު

މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށޭނެ - ރައީސް


މާފަރު އެއަޕޯޓު ބޮޑުކުރުމުގެ ބޮޑު މަޝްރޫޢު ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި މާފަރުން ދެންނެވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާފަރު އެއަރޕޯޓަކީ އުތުރު ސަރަޙައްދަށް މުހިއްމު އެއަރޕޯޓެއްކަމަށާއި، އެތަނަށް ދަތުރުކުރާ ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓްތަކުގެ ޢަދަދަށްބަލާުމުން އެއީ އިތުރަށް ތަރައްޤީކޮށް ބޮޑުކުރުން މުހިއްމެ އެއަރޕޯޓެއްކަން ހާމަވެގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން 2019 ވަނަ އަހަރު ޑޮމެސްޓިކް 120 ފްލައިޓާ، އިންޓަރނޭޝަނަލް 8 ފްލައިޓް މާފަރުގައި ޖައްސާފައިވާއިރު، ނިމިދިޔަ 2020 ވަނަ އަހަރު ޑޮމެސްޓިކް 620 ފްލައިޓާއި، 229 އިންޓަރނޭޝަނަލް ފްލައިޓް ޖައްސާފައިވާކަމަށާއި، މިއަހަރުގެ މިވީ 2 މަސްދުވަހުގެ ތެރޭގައި 178 ޖެޓާއެކު ޑޮމެސްޓިކަށްވުރިގިނަ އިންޓަރނޭޝަނަލް ފްލައިޓް މާފަރު އެއެއަރޕޯޓްގައި ޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިހާރު އަބޫދާބީ ޑިވޮލޮޕްމަންޓް ފަނޑުން އެޕްރޫވަލްލިބި މިއަދުމިވަނީ ޑެންޓަރިންގއަށް ހުޅުވާލެވިފައި. 5 އޭޕްރީލްގެ ނިޔަލަށް ސަބްމިޓްކުރުމުގެ ފުރުސަތުލިބޭބެ. އެއަށްފަހު ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާނެ. އޭއާއެކު އެތަނުން ފިއުލް ލިބޭނެގޮތާއި، ޓާމިނަލް ބޮޑުކުރުމާއި، މިހުރިހާ ކަމެއް އައލެންޑް އޭވިއޭޝަންގެ ޕްލޭންފައި އެބައޮތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ ގިނަ އަދަދެއްގެ މަތީ ފަންތީގެ ރިސޯޓުތައް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.