ވިޔަފާރި

ޖެނުއަރީމަހާއި އަޅާބަލާއިރު ފެބްރުއަރީމަހު ޒިޔާރަތްކުރި ފަތުރުވެރިން އިތުރު


މިއަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު ފެބްރުއަރީމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖަނަވަރީމަހު ރާއްޖެ އައިސްފައިވަނީ 92103 ފަތުރުވެރިންނެވެ. ނަމަވެސް ފެބްރުއަރީމަހު ރާއްޖެ އައީ 98881 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4778 ފަތުރުވެރިންގެ އިތުރުވުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. ޖަނަވަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 2971 ފަތުރުވެރިންނެވެ. ނަމަވެސް ނިމިގެންދިޔަ ފެބްރުއަރީމަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3460 ފަތުރުވެރިން ވަނީ އައިސްފައެވެ.

ފެބްރުއަރީ މަހު ރާއްޖެއަށް 98000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5268 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

ޖަނަވަރީ އަދި ފެބްރުއަރީމަސް ނިމިގެން ދިޔައިރު ރާއްޖެއަށް ޖުމްލަ 188984 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %40.7 ދަށްއަދަދެކެވެ. ނަމަވެސް ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިންކަން މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 44039 ފަތުރުވެރިން ވަނީ އައިސްފައެވެ. 2 ވަނައިގައި އުޅެނީ ރަޝިއާއެވެ. އެއީ 40698 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް މިއަހަރު ގެންދެވޭނެކަމަށެވެ. އެގޮތުން މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު އަހަރެކެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަ އަހަރު 50 އަހަރު ފުރޭނެއެވެ.