ޚަބަރު

50 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް އެމްޓީސީސީން މިހާރުވެސް ދަނީ ކުރަމުން


ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމްޓީސީސީން މިވަގުތުވެސް 50 ޕްރޮޖެކްޓެއްގެ މަސައްކަތް އަމަލީގޮތުން ކުރަމުންގެންދާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި އެމްޓީސީސީން ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ގުޅޭ މައުލޫމާތު ޙިއްސާކުރައްވަމުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، ކޯވިޑް-19ގެ މިހާލަތުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަން ސަރުކާރުންދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެކުންފުންޏަށް ލިބެމުންދާކަމަށެވެ.

ޢާދަމް އާޒިމް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި މަޝްރޫޢުތައް ކުރިއަށްނުގެންދާހާ ހަލުއި މިނުގައި އަދި އެއަށްވުރެ ގިނަ މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށްގެންދާކަމަށާއި، އޭގެ ތެރެއިންވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ސްޕީޑް އަވަސްކުރެވިފައިވާކަމަށެވެ. މީގެ ކުރިން 2 އަހަރުން ނިމޭ ބަނދަރުތައް 8 މަސްދުވަހުން މިހާރު ނިންމާލަމުންދާކަމަށާއި، ކުރިން 4 ވަރަކަށް އަހަރުން ނިންމާ އެއަރޕޯޓްތައް އަހަރެއް ނުވަތަ އެއަށްވުރެވެސް އަވަހަށް ނިންމާލައި ބޭނުން ކުރެވެމުންދާކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮތަށް މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ކުންފުނީގައި ހުރި ވަސީލަތްތަކަކީ ބޭނުންކުރެވޭ ހާލަތުގައި ހުރި ރަނގަޅު ތަކެއްޗަށް ހަދައި ބޭނުންވާ އިތުރު ސާމާނު ހޯދާފައިވާއިރު، އާވަސީލަތްތައް ހޯދައި ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ހިންގަންވެސް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

"މި 2 އަހަރުތެރޭ ކުރެވިފައިހުރި މަސައްކަތްތަކަށް ބަލާއިރު، އެމްޓީސީސީން މިއަދު އަމަލީގޮތުން 50 ޕްރޮޖެކްޓްގެ މަސަކަތްދަނީ ކުރަމުން. އަޅުގަނޑުމެން ސޮއިކޮށްފައި އެބައޮތް އިތުރު 25 ޕްރޮޖެކްޓު، ކޮންމެ މަހަކު އިތުރު ޕްރޮޖެކްޓެއް އަރަމުން އަރަމުން މިދަނީ އިތުރު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުންވެސް ނެގޯޝިއޭޓްކުރަމުން މިދަނީ" ޢާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ކެޕޭސިޓީ މިއަދު ބޮޑުތަނުން އިތުރުކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ކުންފުނީގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭގޮތަށް ކަންކަން އިންތިޒާމްކުރުމުގެ ގޮތުން މިހާރުތިބި 2000އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އެކުންފުނިން ކުރިއަށްގެންދާ ހުރިހާ ޕްރޮޖެކްޓްތަކަކީވެސް ފެންވަރު ރަނގަޅު ޕްރޮޖެކްޓްތަކެއްކަމަށާއި، އެންމެ އިސްކަމެއްދެނީ މަޝްރޫޢުތަކުގެ ކޮލެޓީ ހިފެހެއްޓުމަށް ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ އަސްލުގައި އެމްޓީސީސީން މިއަދުދެން ކުދިކުދި ކަންތައްތަކެއް ދެން ނުކުރާނެއޭ، އެމްޓީސީން ދެންކުރާނީ ބޮޑެތިކަންތައްތައް. ޕްރައިވެޓް މީހުންނަށް ނުކުރެވޭ ވަރަށްވުރެ ބޮޑެތި މަސައްކަތްތައް އަޅުގަނޑުމެންކުރާނީ. އަޅުގަނޑުމެންނަކީ މިއަދު 2.4 ބިލިޔަން ރުފިޔާގެ އެސެޓްސްހުރި ކުންފުންޏެއް" އާދަމް އާޒިމް ވިދާޅުވިއެވެ.

އެތައް އަހަރުތަކަށްފަހު އެމްޓީސީސީއަށް ފައިދާވާން ފަށާފައިވާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ މިދިޔަ އަހަރު އެކުންފުންޏަށް 200 މިލިޔަން ރުފިޔާގެ ފައިދާވެފައިވަނީ ސަރުކާރުން އެކުންފުންޏަށް އިތުބާރުކޮށް ކުންފުނީގެ ހިންގުމާއި ފެންވަރު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ސަބަބުންކަމަށެވެ. ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ބޮޑަށް ފައިދާވާ ކުންފުންޏަކަށްހަދައި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައިތިބި 24،000 ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއްދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވިއެވެ.