ދުނިޔެ

7 ހަފުތާއަށްފަހު އަނެއްކާވެސް ކޯވިޑް ކޭސްތައް އިތުރުވަނީ


7 ހަފުތާއަށްފަހު ދުނިޔޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެއްޖެއެވެ. ދުނިޔޭގައި މިހާތަނަށް 114 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި 2.5 މިލިއަން މީހުންވަނީ އެ ބަލީގައި މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުންވަނީ ދުނިޔޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ވިދިވިދިގެން ހަތް ހަފުތާވަންދެން ދަށަށް ގޮސްފައިވާކަމަށް ދައްކާފައެވެ. އެއާއިއެކު ކޯވިޑްގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުވާން ފަށާފައިވާކަމުގެ އުންމީދު އައުވި ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވާން ފަށައިފާވާކަމަށް ޑަބްލިއުއެޗުއޯގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުންވަނީ ދައްކާފައެވެ.

އިތުރުވަމުންދާ އަދަދުތަކާއި ގުޅޭގޮތުން ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވީ ބަލިފެތުރޭ މިންވަރު އިތުރުވުމުން އެކަމާއިމެދު ހިތާމަކުރި ނަމަވެސް އެކަމާއިމެދު ހައިރާން ނުވާކަމަށެވެ. ބަލިފެތުރޭ މިންވަރު އިތުރުވެފައިވާ އެއް ސަބަބަކީ ޤައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި، ވައިރަހުގެ އެކި ވޭރިއަންޓުތައް ހަލުވިކަމާއިއެކު ދައުރުވަމުން ދިޔުންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާވަނީ ބައްޔާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި ޤައުމުތަކުން ހުށިޔާރުވެ ތިބުމަށް ގޮވައިލައްވާފައެވެ. ބައްޔާއި ދެކޮޅަށް ވެކްސިން ދިނުމުގެ މައްޗަށް އެކަނި ބަރޯސާވެވެން އަދި ނެތްކަމަށާއި، އެހެން ފިޔަވަޅުތައް ދޫކޮށްލެވެން އަދި ނެތްކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ކޯވިޑާއި ބެހޭ ފަންނީ އިސްވެރިޔާ، މާރިއާ ވޮން ކާޚޮވް ވިދާޅުވީ އެންމެ ފަހުގެ ޢަދަދުތަކަކީ ބަލި ކޮންޓްރޯލްކުރުމުގައި ފަރުވާކުޑަކޮށްފިނަމަ ބަލި ފެތުރޭ މިންވަރު އަލުން އިތުރުވެދާނެކަމުގެ އިންޒާރެއްކަމަށެވެ. އަދި އެގޮތަށް ކަންތައް ވުމަށް ފުރުޞަތު ދެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާއިބެހޭ އެންމެ އިސް މާހިރު، މައިކް ރަޔާން ވިދާޅުވީ މީގެ 10 ހަފުތާ ކުރިން އޮތް ޙާލަތަށްވުރެ ބައްޔާއި ދެކޮޅަށް ދުނިޔެއިން މިހާރު ކުރަމުންދާ މަސައްކަތްތައް ރަނގަޅުކަމަށެވެ. ބައްޔާއި ދެކޮޅަށް ވެކްސިން މަޝްރޫޢުތައް ފަށާފައިވީނަމަވެސް ބަލި ފެތުރުން ކޮންޓްރޯލްވާން ފަށާފައިވާކަމަށް ބުނަން އަދި އަވަސްކަމަށް އޭނާ ވިދާޅުވިއެވެ.