ޚަބަރު

ޖަޒީރާ ސައްލާ: މާދަމާގެ މަޢުޟޫއު "މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުން"


މާދަމާ އޮންނަ ޖަޒީރާ ސައްލާ ޕްރޮގްރާމްގެ މަޢުޟޫއަކަށް "މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުން" ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖަޒީރާ ސައްލާގެ މިމަހުގެ އެޕިސޯޑް އޮންނާނީ މާދަމާ މެންދުރުފަހު 2:30 ގައިކަމަށެވެ.

ރާއްޖޭގައި އެންމެ ބޮޑު އެއް އިޖުތިމާޢީ ވަބާ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅުވައިގެން "މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުން" މި މަޢުޟޫއަށް މި ސައްލާ ބާއްވަން ނިންމާފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައާ ގުޅޭގޮތުން ހުރި ސުވާލުތައް ހޭޝްޓެގް ޖަޒީރާ ސައްލާ(JazeeraSalla#) ޖެއްސެވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވުމަށްވެސް ސްޕޯކްސްޕާސަން މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.

އެއިރެއްގައި އެންމެ ބޮޑަށް ހިނގަމުންދާ މައްސަލަ ނުވަތަ ކަންބޮޑުވުމަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށް ބާއްވާ ޖަޒީރާ ސައްލާއަކީ ރައްޔިތުންގެ ކަންބޮޑުވުންތައް މެދުވެރިޔަކާއިނުލައި ދެނެގަތުމަށްޓަކައި ސަރުކާރުން ބޭއްވުމަށް ނިންމާފައިވާ ހަރަކާތެކެވެ.

މަހަކު އެއްފަހަރު މި ސައްލާ ބޭއްވުމަށް މަސައްކަތް ކުރަމުންދާކަން ސަރުކާރުން ހާމަކޮށްފައިވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް ހޯދުމުގައި ފޭސްބުކް އަދި ޓްވިޓަރ ފަދަ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރާނެއެވެ. އަދި މި ސައްލާގައި ހުށައަޅާ ކަންކަން ސަރުކާރުގެ އިދާރާތަކަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާނެއެވެ.

ޖަޒީރާ ސައްލާގެ އެންމެ ފުރަތަމަ ސައްލާ އޮތީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމްގެ މަޢުޟޫއަކީ ކޯވިޑްއެވެ.